ސިއްހަތު

ޕީނަޓް ކައިގެން ހިތުގެ ބަލިތަކުން ސަލާމަތްވެވިދާނެ: ދިރާސާ

Mar 5, 2015

އާންމުކޮށް ޕީނަޓް ކެއުމަކީ ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ވެންޑާބިލްޓް ޔުނިވާސިޓީ އާއި ޝަންގްހައި ކެންސާ އިންސްޓިޓިއުޓް ގުޅިގެން ކުރި ދިރާސާއަކަށް ފަހު ޖޭއޭއެމްއޭ އިންޓާނަލް މެޑިސިން ޖާނަލް ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ގަވާއިދުން ޕީނަޓް ކާ މީހާގެ އުމުރު ދިގުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ. އަދި މިއީ އަގުހެޔޮކޮށް ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވާއިރު ހިތުގެ ބަލިތަކާ ދެކޮޅަށް ކޮންމެ މީހަކަށް ވެސް ނެގިދާނެ ފަރުވާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އެކި ނަސްލުތަކުގެ މީހުން އެއްކޮށްލައިގެންނެވެ.

ސައިންސްވެރިން ބުނެފައި ވަނީ ޕީނަޓްގެ ފައިދާ ހަށިގަނޑަށް ކުރާ ގޮތް ބެލުމަށް ކުރިން މިފަދަ ދިރާސާއެއްކޮށްފައި ނުވާ ކަމަށާއި މި ދިރާސާ އިން ލިބިގެން ދިޔަ އެންމެ މުހިންމު މައުލޫމާތަކީ، ޕީނަޓްގެ ފައިދާ ހުރިހާ ނަސްލުތަކެއްގެ އެންމެނަށް ވެސް އެއްގޮތަކަށް ކުރާ ކަމެވެ.

މި ދިރާސާގައި އެމެރިކާ އިން ކަޅު ނަސްލާއި ދޮން ނަސްލުގެ 70،000 މީހުން ބައިވެރިކޮށްފައިވާއިރު ޝަންހައި އިން 130،000 މީހުން ބައިވެރިކޮށް މައުލޫމާތު ނަގާފައިވެ އެވެ. ރިޕޯޓްގައި ބުނެފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ގަވާއިދުން ޕީނަޓް ކާ މީހުންނަށް ކުރިމަތިވާ ހިތުގެ މައްސަލަތައް މަދުވާ ކަމަށެވެ.

ގަވާއިދުން ޕީނަޓް ކެއުމުގެ ފައިދާ ބޮޑު ކަމަށް ތަޖުރިބާކާރުން އެއްބަސްވިޔަސް މާ ގިނައިން ޕީނަޓް ކެއުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އެމީހުން ބުނެ އެވެ. ވަކިން ހާއްސަކޮށް ލޮނު ލާފައި ހުންނަ ބަދަން ގިނައިން ނުކެއުމަށް ލަފާ ދެ އެވެ.

ޕީނަޓް އަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އާއި މިނެރަލްސް އަދި އެންޓިއޮކްސައިޑެންޓްސް އާއި ވިޓަމިން އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރާއި ނާރުގެ ބަލިތަކާއި އަލްޒެއިމާ އަދި ވައިރަލް/ފަންގަލް އިންފެކްޝަންތަކަށް ވެސް މިއީ ރަނގަޅު އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މީގެ އިތުރުން ފަލަކޮށް ތިއްބަވާ ބޭފުޅުން ހިކެން ބޭނުން ނަމަ ވެސް ޕީނަޓް ބެއްލެވިދާނެ އެވެ.