ފިނިޕޭޖް

ޕާކިސްތާނުގައި ބޮލީވުޑް ފިލްމުތައް ދެއްކޭނެ ކަމަށް ނިންމައިފި

Oct 26, 2016

ޕާކިސްތާނުގައި އިންޑިއާގެ ބޮލީވުޑް ފިލްމުތައް އެޅުވުން މަނާކުރުމަށް ނިންމި ނިންމުން ބާތިލްކޮށް ޕާކިސްތާނުގައި ބޮލީވުޑް ފިލްމުތައް އެޅުވޭ ގޮތަށް ނިންމައިފި އެވެ.

ޕާކިސްތާނުގައި އިންޑިއާގެ ފިލްމުތައް އެޅުވުން މަނާކުރީ އިންޑިއާ އާ ދެގައުމުގެ ދެމެދުގައި އުފެދުނު ސިޔާސީ ކޯޅުން ގަނޑުގެ ތެރޭގަ އެވެ. މި ކޯޅުން ގަނޑުގެ ތެރޭގައި އިންޑިއާގައި ތިބި ޕާކިސްތާނުގެ ފިލްމީ ތަރިން ކުއްލި ގޮތަކަށް ބާލާފަ އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަޝްމީރުގައި ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ ސިފައިންގެ 12 މީހަކު މަރުވުމުން ޕާކިސްތާނު ތަރިންނަށް އިންޑިއާއިން ފައިބަން ދީފައިވަނީ 48 ގަޑިއިރުގެ މުއްދަތެއް ދީފަ އެވެ.

އެ ނިންމުމާ ގުޅޭގޮތުން ޕާކިސްތާނުގެ ސިނަމާއަކުން ބުނީ އެ ނިންމުމަކީ ސަސްޕެންޝަނެއް ކަމަށާއި އެކަމުގައި ސަރުކާރުގެ އަތެއް ނުވާ ކަމަށެވެ.

އިންޑިއާގެ އެމްއެންއެސްގެ ޕާޓީން ވަނީ، ޕާކިސްތާނުގެ ތަރިން ބޭނުންކޮށްގެން ފިލްމު އުފައްދާފައި ތިބި ޕްރޮޑިއުސަރުން އިންޑިއާގެ އާމީ ވެލްފެއާ ފަންޑަށް 50 މިލިއަން ރުޕީސް ދޭން އަންގާފަ އެވެ. މިކަމާ ގުޅޭގޮތުން ފިލްމު ޕްރޮޑިއުސަރުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ބަދަލުދޭން ނިންމާފަ އެވެ. ފިލްމު ޕްރޮޑިއުސަރުން ޖޫރިމަނާކުރަން ނިންމާފައިވަނީ ޕާކިސްތާނުގެ ތަރި ފަވާދް ހާންގެ " އޭ ދިލް ހޭ މުޝްކިލް" އަދި އަޖޭގެ "ޝިވާނީ" ރިލީޒްކުރަން ތައްޔާރުވަމުން ދަނިކޮށެވެ.

އިންޑިއާގެ ބޮލީވުޑް ފިލްމުތަކަކީ ޕާކިސްތާނުގެ އިގްތިސާދުގައި ބޮޑު ދައުރެއް އަދާކުރާ ބައެކެވެ. ބޮލީވުޑް ފިލްމުތައް އަޅުވައިގެން އެތައް ލައްކަ ރުޕީސްގެ ފައިދާ އެގައުމަށް ލިބެ އެވެ.