ވިޔަފާރި

ރާއްޖޭގެ ކަނޑު އަޑީގެ ފުރަތަމަ ދާރުލްއާސާރު ކެޔޮދޫގައި

  • ޕްލާސްޓިކް ކޮތަޅު ބޭނުމެއް ނުކުރާނެ
  • ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅު ދޭނެ
  • މަސައްކަތް ކުރަނީ، އެންމެން ގުޅިގެން

ރާއްޖޭ ކަނޑު އަޑީގެ ފުރަތަމަ ދާރުލްއާސާރު ވ. ކެޔޮދޫގައި ހަދައި، އެ ރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ކައުންސިލުން ނިންމައިފި އެވެ.

ވ. ކެޔޮދޫ ކައުންސިލާއި ރާއްޖޭގެ ޕީއާރް ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ގޭޓަވޭސް" ކުންފުނި ގުޅިގެން ހިންގާ ދެ މަޝްރޫއާ ބެހޭ ގޮތުން ކެޔޮދޫ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކަނޑު އަޑީގެ ދާރުލްއާސާރު ހެދުމާއި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ކައުންސިލްގެ ގަރާރަކުން ނިންމާފައިވާ ކަމަށާއި، މި ނިންމުން ނިންމީ އެ ރަށަކީ ތިމާވެއްޓާ ރަހުމަތްތެރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުމާއި ބައިނަލްއަގުވާމީ ގޮތުން ސަމާލުކަން ހޯދަން ކަމަށެވެ.

"... ރާއްޖެއަކީ ތިމާވެއްޓާ ގުޅޭ ގޮތުން ގިނަ މައްސަލަ ތަކެއް ދިމާވަމުން އަންނަ ގައުމަކަށްވުމާއި ހާއްސަކޮށް މި ރަށަކީ [ކެޔޮދޫ] ތިމާވެށީގެ ގިނަ މައްސަލަތަކެއް ތަހައްމަލް ކުރަން ޖެހޭ ރަށަކަށް ވާތީ އާއި އަދި ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް ވާތީ، ތިމާވެށީގެ ނާޒުކުކަން އެ ފަރާތްތަކަށް ދައްކުވައި ދިނުމަށާއި މީގެ އިތުރުން ރާއްޖޭގެ ފަރުތަކުގެ ނާޒުކުކަމާއި ކުނީގެ މައްސަލަ އާއި ކަނޑުއަޑީގެ ދިރުމަށް ކުރިމަތިވެފައިވާ ގޮން ޖެހުންތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށްޓަކައި ކަނޑުގެ ދިރުމާއި ދިވެހިންގެ ދިރިއުޅުން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ގޮތަށް ކަނޑުއަޑީގެ ދާރުލްއާސާރެއް ހެދުމަށް ނިންމަމެވެ،" ކައުންސިލުން ނެރެފައިވާ ގަރާރުގައި ވެ އެވެ.

ގޭބިސީތަކަށް ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅު

ކެޔޮދޫ ކައުންސިލުން ބުނީ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ "ސިންގަލް ޔޫޒް ޕްލާސްޓިކް ބޭގް ފްރީ އައިލެންޑެއް"ގެ ގޮތުގައި އެރަށް ހަމަޖެއްސުމުން ތިމާވެއްޓަށް ދިމާވެފައިވާ މަސައްލަތަ އަށް އެދެވޭ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަނީ ކެޔޮދޫ ރައްޔިތުންނާއި ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން ކަމަށެވެ.

"... ދެހާސް ސަތާރަ ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ރަށުގެ ފިހާރަ ތަކުން ހިލޭ ޕްލާސްޓިކް ކޮތަޅު ދިނުން ހުއްްޓާލައި ރަށުގެ ކޮންމެ ގޭބިސީ އަކަށް ބޭނުންވާ ތިމާވެއްޓާއި ރަހުމަތްތެރި ކޮތަޅު ފޯރުކޮށް ދިނުމަށް ކައުންސިލުން ނިންމަމެވެ،" ކެޔޮދޫ ކައުންސިލުން ބުނެފައިވެ އެވެ.