ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާގެ ހާރިޖީ ވަޒީރުކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ކޮލިން ޕަވަލް އާއި ކޮންޑަލީޒާ ރައީސް ވެސް ހިލަރީ ކްލިންޓަނަށް ތާއީދު ކުރަން ނިންމައިފި އެވެ.
ނިއުޔޯކްގެ ސިވިކް އޮގަނައިޒޭޝަނެއް ކަމަށްވާ ލޯންގް އައިލެންޑް އެސޯސިއޭޝަނުން ނިއުޔޯކްގެ ޓައިމްސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ އެސޯސިއޭޝަންގެ އިސް ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ހިލަރީ ކްލިންޓަނަށް ވޯޓް ދޭނެ ކަމަށް ޕަވަލް ވިދާޅުވެފައިވާ ކަމަށެވެ.
ކޮލިން ޕަވަލްއަކީ ބުޝްގެ ފުރަތަމަ ދައުރުގައި ދުނިޔޭގެ ސަމާލުކަން ހޯއްދެވި ބޭފުޅެކެވެ. އެމެރިކާއިން އަފުޣާނިސްތާނާއި އިރާގާ ދެކޮޅަށް ހަނގުރާމަ ކުރި ނަމަވެސް، ޕަވަލް ވަނީ ގައުމުތަކާއެކު އޮތް ގުޅުން ހީނަރުވިޔަ ނުދީ ދަމަހައްޓަވާފަ އެވެ.
އެހެންވެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވެސް ޕަވަލް ވެވަޑައިގެންފާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. ހުދު އޭނާ ވެސް ވަނީ އެފަދަ ހިޔާލެއް ގެންގުޅުއްވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
ޕަވަލް އަށް ފަހު ބުޝްގެ ދެ ވަނަ ދައުރުގައި ހާރިޖީ ވަޒީރު ކަން ކުރެއްވި ކޮންޑަލިޒާ ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައިވަނީ އެމެރިކާގެ ރިޔާސީ ރޭހުން ޓްރަމްޕް ވަކިވެ ވަޑައިގަންނަވަން ޖެހޭ ކަމަށާއި އޭނާ ވޮޓް ދެއްވާނީ އެންމެ ޝަރަފުވެރި ކެނޑިޓަކަށް ކަމަށެވެ.