ދުނިޔެ

ދަރިކަނބަލުންގެ ސަމާސާއެއްގައި ސްނެޕްޗެޓަށް އޮބާމާ ބޭޒާރުކޮށްލައްވައިފި

Oct 27, 2016
1

ޒުވާނުންގެ މެދުގައި މަޝްހޫރު، މޯބައިލް މެސެޖިން އެޕްލިކޭޝަން، ސްނެޕްޗެޓުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ފިސާރި ކެއްސެއް ދަރިކަނބަލުން ސާޝާ ދެއްވައިފި އެވެ.

އުމުރުން 15 އަހަރުގެ ދަރިކަލުންގެ މި ސަމާސާ އާއި ޖެއްސުމުގެ ވާހަކަ އޮބާމާ އާންމުންނާ ހިއްސާކުރައްވާފައި ވަނީ މަޝްހޫރު ލޭޓް ނައިޓް ޓޯކް ޝޯއެއް ކަމުގައިވާ، ޖިމީ ކިމެލް ލައިވްގެ އެޕިސޯޑެއްގައި ބައިވެރިވެ ވަޑައިގެންނެވެ. މި ޝޯއެއްގައި ސަމާސާކުރައްވަމުން އޮބާމާ ވިދާޅުވެފައި ވަނީ ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްނެޕްޗެޓަކީ އެބޭފުޅާއާ އެހާ ރައްޓެހި އެޕްލިކޭޝަނެއް ނޫން ކަމަށާއި އެންމެފަހުން އެއީ ކޯއްޗެއްކަން ދަސްވިއިރު ދަރިކަނބަލުން އޮތީ އެ ހުރިހާ މަންޒަރެއް ވީޑިއޯކޮށް ސްނެޕްޗެޓުގައި ބޭޒާރުކޮށްލައްވައިފައި ކަމަށެވެ.

"ސްނެޕްޗެޓަކީ ކޮބައިކަން އަޅުގަނޑަށް ކިޔައިދިނީ ސާޝާ،" ޝޯގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވި އެވެ.

"އަހަރެމެން ތިބީ ރޭގަނޑުގެ ކެއުމެއްގައި. ދެން ސްނެޕްޗެޓް ކަހަލަ އެޕްސްތައް (ސާޝާ) މެންގެ އުމުރުފުރައިގެ ކުދިންގެ މެދުގައި ވަރަށް މަގްބޫލު އަޑު ވެސް އިވިފައި އޮތީމަ އަހަރެން މި އަހާލީ، ކޮބާ ކޯއްޗެއް ހެއްޔޭ މި ސްނެޕްޗެޓަކީ. ދެން ސާޝާ ފަށައިފި ކިޔައިދޭން. އޭގައި މޫނުތައް ބަދަލުކޮށްލެވޭ ވާހަކަ އާއި އެކި ވާހަކަތައް"

"ދެން އެންމެފަހުން އަޅުގަނޑާއި މިޝޭލް އަށް ގޮސް ވާހަކަ ދެކެވެން ފެށީ ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތަކާ ބެހޭ ގޮތުން ވާހަކަ،" އޮބާމާ ވިދާޅުވެފައިވެ އެވެ.

"ދެން އެންމެފަހުން އަޅުގަނޑަށް ރޭކާލިއިރު ސާޝާ މި އޮތީ އެތަނުގައި ދެއްކި ހުރިހާ ވާހަކައެއް ވީޑިއޯކޮށް ސްނެޕްޗެޓުގައި އޭނާގެ ރައްޓެހިންނާ ހިއްސާކޮށްފައި. ތިމަންނަމެންގެ ބައްޕަ ސޯޝަލް މީޑިއާއޭ ކިޔައިގެން ލެކްޗަރު ދެނީއޭ ކިޔާފައި. ދެން އަދި އޭނަ ވަރަށް ފޫހިވެފައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައި ހުރި."

ސަމާސާ ރާގެއްގައި މި ވާހަކައެއް ހިއްސާކުރެއްވުމަށް ފަހު އޮބާމާ ވިދާޅުވީ މިދިޔަ ޖޫން މަހު ސްނެޕްޗެޓާ ގުޅިވަޑައިގެންނެވި އަނބިކަނބަލުން މިޝޭލް ވެސް އެ ވީޑިއޯ އަށް ލައިކް ޖެއްސެވި ކަމަށާއި ދޮށީ ދަރިކަނބަލުން މާލިއާ ވެސް އެއަށް "ލޯބި" އޮއްސާލައްވާފައިވާ ކަމަށެވެ.

އޮބާމާ އަކީ އާންމުކޮށް މިފަދަ ޝޯތަކަށް އަރައި އެ ބޭފުޅާގެ ދެ ދަރިކަނބަލުންގެ ސޯޝަލް މީޑިއާ "އަޕްޑޭޓްސް" މިގޮތަށް އާންމުންނާ ހިއްސާކުރައްވައި ސަމާސާކުރައްވާ ބޭފުޅެކެވެ. އެގޮތުން ސާޝާ ނިކަން ފޯރީގައި ޓްވީޓްކުރައްވާ ކަމަށް ވެސް އޮބާމާ ކުރިން ވިދާޅުވެފައިވެ އެވެ.

ނަމަވެސް ސާޝާ ނުވަތަ މާލިއާގެ މިފަދަ އެއްވެސް އެކައުންޓެއްގެ ހެންޑްލް ނުވަތަ އެކައުންޓް އައިޑީ އެއްވެސް ގޮތަކަށް އާންމުކޮށްފައެއް ނުވެ އެވެ.

މިފަދަ ގޮތަކަށް ކިމެލް ޝޯގައި ސަމާސާކުރެއްވުމަށް ފަހު އޮބާމާ ވިދާޅުވެފައި ވަނީ އަންނަ އަހަރު އެމެރިކާގެ ރައީސް ކަމަށް އާ ބޭފުޅަކު ވަޑައިގަންނަވާއިރު ޒަމާނީ ޓެކްނޮލޮޖީ ވެގެންދާނީ އެ ބޭފުޅަކަށް ކުރިމަތިވެ ވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.