ފޮޓޯއިން އެ ފެންނަ އަފްޣާނިސްތާނުގެ "އަންހެން ކުއްޖާ" އަކީ ނެޝެނަލް ޖިއޮގްރެފިކް މެގަޒިންގެ ކަވަރުގައި 1985 ވަނަ އަހަރު ޝާއިއުކުރި މި ފޮޓޯ އިން ދުނިޔެ އަށް މަޝްހޫރުވި މޫނެކެވެ. "ފެހި ކުލައިގެ ދެ ލޮލާއެކު" އޭނާ ދުނިޔެ އަށް މަޝްހޫރުވިއިރު އުމުރުން 12 އަހަރެވެ.
"އަފްޣާނިސްތާނުގެ އަންހެން ކުއްޖާ" ގެ ގޮތުގައި މަޝްހޫރުކަން ހޯދި އެ ކުއްޖާ އަކީ މިހާރު ޝަރްބަތު ގުލާ ނަމަކަށް ކިޔާ އަންހެނެވެ. އެންމެފަހުން އޭނާގެ ވާހަކަ ފަލަ ސުރުހީ އަށް އަރާފައި މި ވަނީ ރީތިކަމުގެ ވާހަކައަކާ ގުޅިގެނެއް ނޫނެވެ. ޕާކިސްތާނުގައި މިހާރު އޭނާ ހައްޔަރުކޮށްފައި ހުރީ ފޭކް އައިޑީ ކާޑެއްގެ މައްސަލައިގަ އެވެ.
އައިޑެންޓިޓީ ކާޑުގެ ލިޔެކިޔުންތައް އޮޅުވާލި މައްސަލާގައި 14 އަހަރުގެ ޖަލު ހުކުމެއް ޝަރުބަތަށް އައުމުގެ ފުރުސަތު އެބައޮތެވެ. އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕިޝާވަރުން އޭނާ ހައްޔަރުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީން ކުރިއަށް ގެންދިޔަ ތަހުގީގަކަށް ފަހު އެވެ.
މިއީ ފޭކް އައިޑީގައި އުޅޭ މީހުން ހޯދައި ހައްޔަރުކުރުމަށް ޕާކިސްތާނުން މިފަހުން ފަށާފައިވާ ވަރުގަދަ ކެމްޕޭނެކެވެ.
ޝަރްބަތު ގުލާ ހައްޔަރުކޮށްފައިވާއިރު އޭނާ ފޭކް އައިޑީއެއް ހައްދައިގެން އުޅެމުން ދިޔައީ ޝަރްބަތު ބިބީގެ ނަމުގަ އެވެ. ޝަރްބަތަކީ އަފްޣާނިސްތާނުން ޕާކިސްތާނަށް އެތެރެވެ ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅެމުން ދިޔަ އަންހެނެކެވެ.
ދުނިޔެ އަށް މަޝްހޫރުވި، ޝަރްބަތުގެ ފޮޓޯގަނޑު ނަގާފައި ވަނީ 1984 ވަނަ އަހަރު ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕެއްގަ އެވެ. އޭރު އަފްޣާނިސްތާނު ހިފައިގެން އުޅެނީ ސޯވިއެޓް ސިފައިންނެވެ.
ޝަރްބަތުގެ އެ ފޮޓޯގަނޑު ނަގާފައި ވަނީ އެމެރިކާގެ މަޝްހޫރު ފޮޓޯގްރާފަރު ސްޓީވް މެކްކަރީ އެވެ. މި ފޮޓޯގަނޑު ނެގިފަހުން މެކްކަރީއާ އަލުން ޝަރްބަތު ދިމާވެފައި ވަނީ 2002 ވަނަ އަހަރު އެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ އަފްޣާނިސްތާނުގެ އަވަށެއްގައި ފިރިމީހާ އާއި ތިން ކުދިންނާ އެކުގަ އެވެ.