ޕީޕީއެމްގެ ކޯޅުންތައް

ޕީޕީއެމް ބަދުނާމް ކުރާތީ އިންތިހާބު ކޮމިޓީއިން އަލީ ރަޝީދު ވަކިކޮށްފި

ޕީޕީއެމްއާއި ސަރުކާރު ބަދުނާމްކޮށް ސޯޝަލް މީޑިއާގައި އެކި ވާހަކަދައްކާތީ އެޕާޓީގެ އިންތިހާބު ކޮމިޓީގެ މެންބަރުކަމުން އަލީ ރަޝީދު ވަކިކޮށްފި އެވެ.

ޕީޕީއެމްގެ އިންތިހާބުގެ ކޮމިޓީއިން އަލީ ރަޝީދު ވަކިކުރީ އޭނާއާ ގުޅޭ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު ބައިވެރިވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުﷲ ހަލީލްގެ ފަރާތުން އަލީ ރަޝީދަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޕާޓީގެ ޒިންމާދާރު ކޮމިޓީއެއްގެ މެންބަރެއް ގޮތުގައި ހުރެ ސަރުކާރާއި ޕާޓީ ބަދުނާމްކޮށް ސޯޝަލް މީޑިއާއާއި ވައިބާ ގްރޫޕްތަކާއި ފޯރަމްތަކުގައި ވާހަކަ ދައްކަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރާއި މެދު ޕާޓީގެ އާންމު މެންބަރުންގެ ހިތުގައި ނަފްރަތު އުފައްދަން މަސައްކަތްތަކޮށް ޕީޕީއެމްގެ މުސްތަޝާރާ ގުޅޭގޮތުން ދޮގުވާހަކަތައް ފަތުރަމުން ދާ ކަމަށެވެ.

އެކަމާ ގުޅިގެން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ ބެއްލެވުމަށް ފަހު ޕާޓީ އިންތިހާބުގެ ކޮމިޓީއިން އަލީ ރަޝީދު ވަކިކުރަން ސުލޫކީ ކޮމިޓީގައި ބައިވެރިވި ފަސް މެންބަރުންގެ އިއްތިފާގު ފާސްވެފައިވާ ކަމަށެވެ. ހަލީލް އިތުރަށް ވިދާޅުވެފައި ވަނީ އަލީ ރަޝީދުގެ އިތުރުން ދެ މެންބަރަކު ސުލޫކީ ކޮމިޓީއަށް ހާޒިރުވުމަށް ފުރުސަތު ދީފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފާފައި ނުވާ ކަމަށެވެ.