ހަބަރު

ހުއްދަ ނުލިބުމުން އިދިކޮޅު ޖަލްސާ ފަސްކޮށްފި

Jul 15, 2020
1

އަންނަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބާއްވަން ރާވާފައިވާ "ފެއިލްވެއްޖެ ރެލީ" ބޭއްވުމުގެ ހުއްދަ ނުލިބިގެން އެ ޖަލްސާ ފަސް ކުރަން ނިންމައިފި އެވެ.

ޕީޕީއެމް/ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ އިދިކޮޅު ރެލީ ބޭއްވުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ހުއްދަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމަޔަށް އެންމެ ސިޓީއެއް ފިޔަވާ އެހެން އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.

"ލިޔުމުން އަޅުގަނޑުމެން ހުއްދަ ހޯދުމަށް ދެންނެވީ 6 ޖުލައި ގައި އެހެން ނަމަވެސް މިއަދާ ހަމަޔަށް ވެސް ޕްލޭނިން މިނިސްޓްރީން ހުއްދަ ދެއްވާފައި ނުވޭ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ޕާޓީގެ ސެކެޓަރީ ޖެނަރަލް ޖެހިޖެހިގެން ތިން ދުވަހު ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް ޖަވާބު ނުލިބިގެން ހުއްދަ ނުލިބިގެން އުޅެނީ ކީއްވެތޯ ސާފު ކުރަން މަސައްކަތް ކުރި. އެ މިނިސްޓްރީގެ އެއްވެސް މީހަކާ ބައްދަލު ނުވިކަން ހިތާމައާ އެކު ފާހަގަކޮށްލަން،" ސުޖާއު ވިދާޅުވި އެވެ.

ސަރުކާރުގެ ޖަވާބެއް ނުލިބުމުން އިދިކޮޅު ރެލީ ފަސް ކުރަން ނިންމާފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ޖަލްސާގެ ޕްރޮމޯޝަން މަސައްކަތާއި އިންތިޒާމްގެ ކަންކަން އަދިވެސް ކުރިޔަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެން މި ދޭހަވެގެން ދިޔައީ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް މި ސަރުކާރުން ހުރަސް އަޅާކަން،" ސުޖާއު ވިދާޅުވި އެވެ.

ޕްލޭނިން މިނސިްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ވެސް ސިޓީ ހުށަހަޅާފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ. އެގޮތުން ސިޓީ ކައުންސިލްގައި ދެންނެވީ މާލޭގެ އެކި ސަރަހައްދުތަކުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ރެލީ އިސްތިހާރު ކުރުމަށް ހުއްދައަށް ކަމަށާއި އެ ހުއްދަ ދިނުމަށް ފަހު އިތުރު ހުއްދައެއް ފުލުހުން ކައިރިން ވެސް ނަގަން ޖެހޭނެ ކަމަށް އެ ކައުންސިލުން އެންގި ކަމަށް ސުޖާއު ވިދާޅުވި އެވެ.

އޭގެ އިތުރުން ކާނިވާ ސަރަހައްދު ކައިރީ އޮންނަ ޕާކިން އޭރިއާ ވެސް ހޯދަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަމަށް ޖަވާބެއް ނުދެއްވާ ކަމަށް ބުނެ ސުޖާއު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.