ހަބަރު

އިދިކޮޅު ޖަލްސާއަށް ހުއްދަ ދީފި

Jul 3, 2019
21

އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ހަރަކާތް ބާއްވަން ޕްލޭނިން މިނިސްޓްރީން ހުއްދަ ދީފި އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ހަރަކާތަށް މިހާރު ހުއްދައެއް ލިބިފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ބާއްވާ ހަރަކާތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ މި ސަރުކާރު އައި ފަހުން ޖަލްސާގައެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.

އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ބާއްވާ ހަރަކާތަކީ ސަރުކާރުގެ ބައެއް ނިންމުންތަކާއި ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެކެވެ.

އިދިކޮޅު ޕާޓީތަކުގެ ހަރަކާތް ބާއްވަން ނިންމާފައި ވަނީ މާދަމާ ރޭ 9:00 އަށެވެ. ޕީޕީއެމާއި ކޮންގްރެސްގެ ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ ދުވަސްތަކެއް ފަހުންނެވެ. އެ ގޮތުން ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވެސް އެ ދެ ޕާޓީން ބޮޑު ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ.