ޖީއެމްއާރް

ޖީއެމްއާރަށް ދައްކަންޖެހެނީ 250 މިލިއަން ޑޮލަރު

  • ފައިސާ ދެއްކުމުގެ މަޝްވަރާ ވަނީ ފަށާފައި
  • ދައްކަން ޖެހެނީ ލަފާ ކުރި ވަރަށްވުރެ ކުޑަ އަދަދެއް
  • ޖީއެމްއާރް އެދުނީ 1.4 ބިލިޔަން ޑޮލަރަށް

ބަދަލުގެ ގޮތުގައި ރާއްޖެއިން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އިންޓްރެސްޓާއެކު ދަންޖެހޭނީ ގާތްގަނޑަކަށް 250 މިލިޔަން ޑޮލަރު ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ޖީއެމްއާރް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެ އަދަދަށް ދިވެހި ސަރުކާރު ފައިސާ ދައްކަން ޖެހެނީ ސިންގަޕޫރުގައި ބެލި އާބިޓްރޭޝަން ޓްރައިބިއުނަލުން އައި އެމައްސަލައިގެ ހުކުމާއެކު އެވެ.

އިންޓްރެސްޓާ ނުލައި ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަންޖެހެނީ 208 މިލިއަން ޑޮލަރެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަނިލް ވިދާޅުވީ ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ނިމި މިދިއަ އަންގާރަ ދުވަހު ރިޕޯޓް ނެރެފައިވާ ކަމަށާއި ޓްރައިބިއުނަލުން ނިންމީ ގެއްލުމުގެ ބަދަލަށް ޖީއެމްއާރަށް އިންޓްރެސްޓާއެކު ފައްސާ ދައްކަން ކަމަށެވެ. އަދި އެ އަދަދު އަރަނީ ގާތްގަނޑަކަށް 250 މިލިޔަން ޑޮލަރު ކަމަށެވެ. އިންޓްރެސްޓް ބަލާފައި ވަނީ މިދިއަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަރާފައިވާ މިންވަރެވެ.

"އެ ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޖީއެމްއާރާއެކު ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާނެ،، މިއީ ރައީސް އަބްދުﷲ ޔާމީން ކުރިން އަންދާޒާކުރެއްވި 300 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް. މިހާރުވެސް ސަރުކާރާއި އެމްއޭސީއެލް ފަރާތުން މި ފައިސާ ޖީއެމްއާރްއަށް ދެއްކުމަށްޓަކާ ކުރަން ޖެހޭ މަޝްވަރާތައް ވަނީ ފަށާފައި،" އަނިލް ވިދާޅުވި އެވެ.

އެއާޕޯޓް އަތުލި މައްސަލައިގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދިފައި ވަނީ 1.4 ބިލިޔަން ޑޮލަރު ނަގައިދިނުމަށެވެ. ނަމަވެސް ޓްރެބިއުނަލް އިން ނެރުނު އެވޯޑުގައި ޖީއެމްއާރްއަށް ދައްކަން ޖެހޭނެ ކަމަށް ނިންމާފައިވާ އަދަދަކީ އެކުންފުނިން ހުށަހެޅި އަގުގެ 18 ޕަސަންޓު ކަމަށް އަނިލް ވިދާޅުވި އެވެ. އަދި އޭރި އިދިކޮޅު ފަރާތްތަކުން އަންދާޒާ ކުރި އަދަދުގެ މުޅިން އިދިކޮޅު ކަމަށްވެސް އަނިލް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައިއެންއައިއޭ ޖީއެމްއާރުން ހަވާލުވީ ޖޫން 28، 2010 ގައެވެ. އެ ކުންފުނިން އެއާޕޯޓް ހިންގަކޮށް ދެ އަހަރާއި ފަސް މަހާއި ހަފުތާއެއް ފަހުން އެ އެގްރިމެންޓް ބާތިލުކޮށް އެއާޕޯޓް އަތުލީ ޑިސެމްބަރު 7، 2012 ގަ އެވެ. އެއާޕޯޓް އަތުލި މައްސަލައިގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދިފައި ވަނީ 1.4 ބިލިޔަން ޑޮލަރު ނަގައިދޭށެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށްފަހު އެމްއޭސީއެލްއާ ހަވާލު ކުރި ފަހުން އެއާޕޯޓް ތަރައްގީ ކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ވަނީ ފަށާފަ އެވެ.