ބޮލީވުޑް

"އޭ ދިލްހޭ މުޝްކިލް" އާއި "ޝިވާއޭ" ޕާކިސްތާނުގައި ރިލީޒްނުކުރާނެ

Oct 28, 2016

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހިގެން އުޅޭ ސިޔާސީ ކޯޅުން ގަނޑުގައި ޕާކިސްތާނު ތަރިން އިންޑިއާއިން ބޭރުކޮށް، އިންޑިއާގެ ފިލްމުތައް އެގައުމުގައި ނުދައްކާން ވަނީ ނިންމާފަ އެވެ.

ނަމަވެސް ޕާކިސްތާނުގައި އިންޑިއާގެ ބޮލީވުޑް ފިލްމުތައް އެޅުވުން މަނާކުރުމަށް ނިންމި ނިންމުން ބާތިލްކޮށް ޕާކިސްތާނުގައި ބޮލީވުޑް ފިލްމުތައް އެޅުވޭނެ ކަމަށް ނިންމާފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް މިއަދު ރިލީޒްކުރާ ބޮޑު ދެފިލްމު ކަމަށްވާ "އޭ ދިލްހޭ މިޝްކިލް" އާއި "ޝިވާއޭ" އެގައުމުގައި ރިލީޒްނުކުރާން ވަނީ ނިންމާފަ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ އަވަށްޓެރި ޕާކިސްތާނުގެ ޑިސްޓްރިބިއުޓަރުންނާއި އެކްޒިބިޓަރުން އަމިއްލަ އިއްތިފާގުން މިދެފިލްމު އެގައުމުގައި ރިލީޒްނުކުރާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި ތަރަން ވަނީ މިދެފިލްމު އުފެއްދި ދެޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ފޮކްސް ސްޓާ އާއި ރިލަޔަންސް އެންޓަޓެއިންމަންޓުން ވެސް މިފިލްމު އެގައުމުގައި ނާޅުވާނެކަން ޔަގީންކޮށްދީފައިވާ ކަމަށެވެ.

ކުރިން މިދެފިލްމު މިއަދު ރިލީޒްކުރާއިރު ޕާކިސްތާނުގައި ވެސް ދައްކާނެ ކަމަށް ބެލެވުނީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" ގައި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން މުހިންމު ރޯލަކުން ފެނިގެންދާތީ އެފިލްމު އިންޑިއާގައި ރިލީޒްނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީ، މަހަރާޝްތްރަ ނަވިރްމަން ސެނާ (އެމްއެންއެސް) އިން ހަރުއަޑުން ގޮވާލަމުން އައި ގޮވާލުން ހުއްޓާލައި އެފިލްމު ރިލީޒްކުރުމަށް ފުރުސަތު ދޭނެ ކަމަށް ބުނުމުންނެވެ.

އެގޮތުން މިފިލްމުވެސް ޕާކިސްތާނުގައި ވެސް ރިލީޒްކުރެވޭނެ ކަމަށް އެގައުމުގެ ބައެއް ޑިސްޓްރިބިއުޓަރުން ވެސް ބުނެފައިވާއިރު ފިލްމު ރިލީޒްކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ވަނީ އެގައުމުގައި ރިލީޒްނުކުރާނެ ކަމަށް ބުނެފަ އެވެ.

ބުނެވޭ ގޮތުގައި އެންމެފަހު ވަގުތު މިދެފިލްމު ޕާކިސްތާނުގައި ނައަޅުވަން ނިންމާފައިވަނީ ހޯމަ ދުވަހުގެރޭ ޕާކިސްތާނުގެ ކުއެޓާ ޕޮލިސް ޓްރެއިނިން ކޮލެޖަށް ދިން ހަމަލާގައި 60 މީހުން މަރުވެފައިވާތީ އެވެ. މިހަމަލާގައި ގިނަ އަދަދަކަށް މަރުވެފައިވަނީ ޕޮލިސް ކެޑޭޓުންނެވެ.

'އޭ ދިލްހޭ މުޝްކިލް" އާއި "ޝިވާއޭ" ޕާކިސްތާނުގައި ރިލީޒްނުކުރުމާ ގުޅޭގޮތުން ޕާކިސްތާނީ އެގްޒިބިޓާސް އަދި ޑިސްޓްރިބިއުޓާސް އެސޯސިއޭޝަންގެ ޗެއާމަން ޒޮރައިޒް ލަޝާރީ ވަނީ މިދެފިލްމުގެ އެގައުމުގައި ރިލީޒްކުރުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި ނަމަވެސް ހޯމަ ދުވަހުގެރޭ ދިން ހަމަލާއާ ގުޅިގެން ބައެއް ފަރާތްތަކުގެ ހިޔާލު ބަދަލުވެފައިވާ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ އެހެން ގައުމުތަކުގައި ހިންދީ ފިލްމުތައް ރިލީޒްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއްގައުމަކީ ޕާކިސްތާނެވެ.