ބޮލީވުޑް

"ގަޖްނީ" ގެ ތަރި އަސީންގެ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި

Oct 28, 2016

މަޝްހޫރު ހިންދީ ފިލްމު "ގަޖްނީ" އިން ބޮލީވުޑަށް ތައާރަފުވި ތަމަޅަ ބަތަލާ އަސީން ތޮއްތުމްކަލް، އޭނާގެ 31 ވަނަ އުފަންދުވަސް ރާއްޖޭގައި ފަހާގަކޮށްފި އެވެ.

މިމަހުގެ 26 ވަނަ ދުވަހު 31 އަހަރު ފުރުނު އަސީން ރާއްޖޭގައި އުފަންދުވަސް ފާހަގަކޮށްފައިވަނީ ފިރިމީހާ ރާހުލް ޝަރްމާ އާއެކު އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓުގެ ގޮތުގައި ހިމެނޭ ޗެވަލް ބްލޭންކް ރަންދެލީގައި އުފަންދުވަސް ފާހަގަކުރަން އަސީން ރާއްޖެ އައިސްފައިވަމީ މީގެ ތިން ދުވަސްކުރިންނެވެ. އަސީންގެ ފިރިމީހާ ރާހުލް އަކީ އިންޑިއާގެ އެންމެބޮޑު މޯބައިލް ކުންފުނި މައިކްރޮމެކްސް މޯބައިލްގެ ފައުންޑާ އަދި އިންޑިއާގެ އެންމެ ޒުވާން ބިލިއަނަރެވެ.

ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރަމުން އަންނައިރު އޭނާ ވަނީ އުފަންދުވަސް ފާހަގަކުރުމަށް ރާހުލް ރަންދެލީގެ ހިތްގައިމު ބީޗްގައި ބޭއްވި ޕްރައިވެޓް ޑިނާގެ ފޮޓޯތައް ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ.

ދެކުނު އިންޑިއާގެ މޮޑެލް އެއްގެ ގޮތުގައި އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔަ އަސީން ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން ވަނީ ގިނަ ސައުތް ފިލްމުތަކުގެ އިތުރުން މަލަޔާލަމް ފިލްމުތައް ވެސް ކުޅެފަ އެވެ.

ދެހާސް އަށްވަނަ އަހަރު ނިކުތް "ގަޖްނީ" ގައި އާމިރް ޚާނާ އެކު ފެނިގެންގޮސްފައިވާ އަސީން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކައިވެނިކުރުމަށް ފިލްމު ކުޅުން ހުއްޓާލިއިރު އޭނާގެ ކުރު ހިންދީ ފިލްމީ ކެރިއަރުގައި ވަނީ ސަލްމާން ޚާން އާއި އަކްޝޭ ކުމާރު ފަދަ އެކްޓަރުންނާއެކު ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ.

ރާހުލް އާއި ކައިވެނިކޮށް ހުރިހާ ވަގުތެއް އޭނާގެ ދިރިއުޅުމަށް ހުސްކުރުމުގެ ގޮތުން ވަނީ މީގެ ދެއަހަރުކުރިން ފެށިގެން ފިލްމު ކުޅުނު ހުއްޓާލާފަ އެވެ. އަސީން އެންމެފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "އޯލް އިޒް ވެލް" އިންނެވެ.