ބޮލީވުޑް

ސަލްމާންގެ ބޮޑީގާޑުގެ މައްޗަށް މާރާމާރީގެ ތުހުމަތެއް

Oct 29, 2016

ސުޕަސްޓާ ސަލްމާން ޚާންގެ ބޮޑީގާޑުގެ ގޮތުގައި އެތަކެއް އަހަރަކުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޝެރާ އަކީ ސަލްމާންގެ ހިޔަނިހެން އަބަދުވެސް އޭނާ ހިމާޔަތްކުރަމުން އޭނާގެ އެންމެ ކަރީގައި ހުންނަ މީހާ އެވެ.

ސަލްމާންގެ ބޮޑީގާޑު ޝެރާ އާއި އޭނާގެ ރަހުމަތްތެރިޔަކާ ދެމެދު ހިނގި ޒުވާބެއް މާރާމާރީ އަކަށް ބަދަލުވެ، ޝެރާ އެމީހާއާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ޝެރާއާ ދެކޮޅަށް މުމްބާއީ ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ބުދަ ދުވަހުގެރެ އެވެ. ޝެރާއާ ދެކޮޅަށް ހުށަހަޅާފައިވަނީ ކޮން މައްސަލައެއްކަން ޔަގީން ނުވި ނަމަވެސް ނޫސްތަކުގައިވާ ގޮތުން މުމްބާއީގެ ލިންކް ރޯޑެއްގައި ޝެރާ ވަނީ އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ދަގަނޑު ގަނޑަކުން އޭނާގެ ގައިގައި ޖެހުމުގެ އިތުރުން އޭނާގެ އަތުގައި އޮތް ބަޑީގެ މުއްގަނޑުންވެސް އެމީހާގެ ގައިގައި ޖަހާފަ އެވެ.

އެމީހާ އާއި ޝެރާ މާރީމާރީ ހިންގުމުގެ ކުރިން ފޯނުން ވެސް ކޮންމެވެސް ކަމަކާ ވަރަށް ޒުވާބުކުރި ކަމަށްވާއިރު، ލިބުނު އަނީޔާތަކަށް އެމީހާ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށްވެ އެވެ.

މިމައްސަލައާ ގުޅިގެން ޝެރާއާ ދެކޮޅަށް ފުލުހުން ފިޔަވަޅެއް ވެސް ނާޅާއިރު އޭނާ އަދި ހައްޔަރުވެސް ނުކުރެ އެވެ. އަދި ޝެރާ އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އެއްވެސް މީހަކާ މާރާމާރީއެއް ނުހިންގާ ކަމަށާއި އެހެންނަމަވެސް އޭނާގެ ރައްޓެއްސަކާ ދެމެދު ދެބަސްވުމެއް ފޯނުން ހިނގި ކަމަށް ބުނެފަ އެވެ.

"ފުލުހުން އަހަރެންގެ ގެއަށް އައުމުން އެމީހުންނާއެކު ޕޮލިސް ސްޓޭޝަނަސް ދިޔައިން. އަހަންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ކޮން މައްސަލައެއް ކަމެއް ނޭނގޭ" ޝެރާ ބުނެފައިވެ އެވެ.