ހަބަރު

މަޖީދީ މަގުގައި މުޒާހަރާތައް ނުކުރަން އަންގައިފި

Mar 5, 2015

ޖޭޕީ އެމްޑީޕީން ރޭގަނޑު ކުރިޔަށް ގެންދާ އެއްވުންތައް ހުއްޓާލައި ރޭގަނޑު މިހާރު މުޒާހަރާ ކުރާ ސަރަހައްދުތަކުގައި 15 ދުވަސް ވަންދެން މުޒާހަރާ ނުކުރުމަށް ފުލުހުން އަންގައިފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނަނީ އެ ނިންމުން ނިންމައި ބަޔާނެއް ނެރުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ  ހަ ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެއްވުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކުގެ މަސްލަހަތާއި ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ކަމަށެވެ.

އަދި ބުނެފައި ވަނީ މަޖީދީ މަގު ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ސަރަހައްދުގައި ކޮންމެ ރެޔަކު ސިލްސިލާކޮށް ބާއްވާ އެއްވުން، މިއަދުން ފެށިގެން 15 ދުވަހުގެ ދުވަހުގެ މުއްދަތަށް ރޭގަނޑުގެ 8:00 އާއި 12:00 ދެމެދުގެ ވަގުތުގައި މަޖީދީ މަގުގެ ގަލޮޅު ދަނޑާއި ޗާންދަނީ މަގާ ދެމެދު ހިމެނޭ ސަރަހައްދާއި އަލިކިލެގެފާނު މަގުގައި ނުބޭއްވުމާއި މި އެންގުން އަންގަނީ އެއްވެ އުޅުމުގެ ގާނޫނޫގެ 41 ވަނަ މާއްދާގެ (ކ) ން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

ފުލުހުން ބުނީ މިދިއަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މަޖީދީމަގު ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ސަރަހައްދުގައި އެއްވުންތައް ބާއްވަމުންދާއިރު އެސަރައްދުގައި ދިރިއުޅޭ މީހުންގެ އާއްމު ދިރުއުޅުމަށާއި، އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން އެ ފަރާތްތަކުން ޝަކުވާ އުފުލައި، އެފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދޭން އެދެމުން އަންނަ ކަމަށެވެ.

"މަޖީދީ މަގުގައި ސިލްސިލާކޮށް މިހާރު ބާއްވަމުންއަންނަ އެއްވުންތައް ބާއްވާ ވަގުތަކީ އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ މުހިއްމު ވަގުތުކަމަށްވާއިރު، ކޮންމެ ރެއަކު ސިލްސިލާކޮށް މި އެއްވުން އެސަރަހައްދުގައި ބޭއްވުމުން މަގުތައް ބަންދުވެ، އެއްގަމު ދަތުރުތަކަށް ހުރަސްއެޅި، ހިނގާ ބިގާވުމަށާއި އެސަރަހައްދުގައި ދިރިއުޅޭ މީހުންނާ ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެސަރަޙައްދަށް ގޮސްއުޅެން ބޭނުންވާ މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަމާއި އެސަރަހައްދުގައި ދިރުއުޅޭ މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަންމަށްވެސް ބުރޫއަރައި މިކަންކަން ތަކުރާރުވަމުން އަންނަ ނިސްބަތް އިތުރުވަމުންދާކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފާހަގަކުރެވިފައިވެއެވެ.

އިސްވެ ދެންނެވި ކަންކަން ތަކުރާރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށް ފުލުހުން ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގަބޫލުކުރެވެ އެވެ،" ބަޔާނުގައި ވެއެވެ.