ހަބަރު

ޕީޕީއެމް އޮފީސް ހުޅުވަން އުޅުމުން ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން

Oct 28, 2016
15

ސުޕްރީމް ކޯޓުން ވެސް ޕީޕީއެމްގެ ހިންގުން ހަވާލުކޮށްފައިވާ، ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފަޅިން ޕީޕީއެމްގެ އޮފީސް ހުޅުވުމަށް މިއަދު އެތަނަށް ދިޔުމުން ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

ޕީޕީއެމްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަކަށް ހަމަޖައްސާފައިވާ، އިގްބާލް އާދަމް އާއި އެހެން ވެސް ދެ ބޭފުޅަކު ޕީޕީއެމްގެ އޮފީސް ހުންނަ، ހ.ތެމާއަށް މިއަދު އިރުއޮއްސުނު ވަގުތު ދިޔުމާ އެކު މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން އާއި ފިރިކަލުން އަހުމަދު ނަދީމް އާއި ގްރޫޕަކުން އެ ސަރަހައްދަށް އައެވެ.

އޭރު އިގްބާލް އާއި އޭނާގެ ޓީމުން ދިޔައީ، އޮފީހުގެ މައިގޭޓްގައި ހުރި ތަޅު ހުޅުވުމަށް ފަހު އެތެރެއަށް ވަދެ، އެތެރޭގައި ހުރި މައި ދޮރުގެ ތަޅު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންނެވެ. މައުމޫން އަށް ސަޕޯޓް ކުރައްވާ ބޭފުޅުން އައުމާ އެކު ދެ ފަރާތުގެ ދެމެދު ވަރަށް ބޮޑަށް ޒުވާބު ހިނގި އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި މާރާމާރީ ހިންގައި ގަޔަށް އަތްލައި ހިސާބަށް ޒުވާބު ދިޔަ އެވެ.

އެ ސަރަހައްދުގައި އަޑުގަދަވެ، މީހުން ވެސް އެއްވާން ފެށުމުން ފުލުހުން އެ ސަރަހައްދަށް ފުލުހުން އައިސް ދެ ފަރާތުގެ ނިސްބަތްވާ މީހުން ވެސް ވަނީ އެ ސަރަހައްދުން ފޮނުވާލައިފަ އެވެ. އެ އޮފީސް ހުންނަ، ސަރަހައްދު ވަނީ ބަންދު ވެސް ކޮށްފަ އެވެ.

މައުމޫންއަށް ތާއީދު ކުރާ ބޭފުޅުން ވިދާޅުވަނީ އެ އޮފީސް ހަވާލުނުކުރެވޭނެ ކަމަށާއި އެތަނަކީ ޕީޕީއެމް ހިންގުމަށް އެ ތަނުގައި ވެރިފަރާތުން އަގަބަހުން ރައީސް މައުމޫން އާ ހަވާލުކޮށްފައިވާ އިމާރާތެއް ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ހުޅުވަން ކުރި މަސައްކަތް ވެސް ނާކާމިޔާބުވެ އިގްބާލް އާއި އޭނާގެ ޓީމުން ވެސް ވަނީ އެތަނުން އެނބުރި އައިސްފަ އެވެ. ހަމަނުޖެހުން ހިނގަން ފެށުމުން ފުލުހުން ވެސް އެ ސަރަހައްދަށް އައިސް ދެ ފަރާތުގެ މީހުން ވެސް އެތަނުން ވަނީ ދުރުކޮށްފަ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު އެ ސަރަހައްދުން ހައްޔަރު ވެސް ކުރި އެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ ޕީޕީއެމް އޮފީހާ ދިމާލަށް ގާވެސް އުކައި ހަދައިފަ އެވެ. އަދި ދެ ފަރާތުގެ ސަޕޯޓަރުންގެ ދެމެދުގައި ވެސް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ހިނގި އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ވަނީ ބަޔަކު ތަޅުވެސް އަޅުވައިފަ އެވެ. ޕީޕީއެމްގެ ކައުންސިލް ބޭއްވުމަށް ރައީސް މައުމޫން ދެކޮޅު ހެއްދެވުމުން އެ މައްސަލަ ކައުންސިލްގެ ބައެއް މެންބަރުން ކޯޓަށް ވެއްދުމުން، ސުޕްރީމް ކޯޓުން ވެސް އެ މައްސަލަ ނިންމީ ޕާޓީގެ ކައުންސިލްގެ ޖަލްސާ މުސްތަޝާރުގެ ރިޔާސަތުގައި ބާއްވައި ޕާޓީ ހިންގުމުގެ ކަންކަން ކުރުމަށެވެ. ކޯޓު އަމުރާ އެއްގޮތަށް ބޭއްވި، ކައުންސިލް ބައްދަލުވުން ނިންމީ ޕާޓީގެ ގައުމީ އާންމު ޖަލްސާއެއް ބޭއްވެންދެން ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލު ކުރުމަށެވެ.

އެހެން ނަމަވެސް މައުމޫން ގެންދަވަނީ ކޯޓުގެ އަމުރަށް ތަބާނުވެ، ޕީޕީއެމް ހިންގުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ކޯޅުމެއްގެ ތެރެއިން މައްސަލަ ބޮޑުވެ މައުމޫން ވަނީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތެއްގެ ގޮތުގައި މަސައްކަތް ފައްޓަވައިފަ އެވެ.