ބޮލީވުޑް

"ޑޮން 3" އާއެކު ޝާހްރުކް އެނބުރި އަންނަނީ؟

Oct 29, 2016

"ޑޮން" އާއި "ޑޮން 2" ގެ ކާމިޔާބީއަށްފަހު މިސިލްސިލާގެ ތިންވަނަ ފިލްމު އުފައްދަން ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ މިވަނީ ބުނެފަ އެވެ.

ރިތޭޝްގެ ޕްރޮޮޑަކްޝަން ކުންފުނި އެކްސަލް އެންޓަޓެއިންމަންޓަށް 15 އަހަރު ފުރުނު ދުވަހު ރިތޭޝް ވަނީ "ޑޮން 3" އުފައްދަން އުޅޭ ކަމުގެ އިޝާރާތެއްދީފަ އެވެ.

"ޑޮން 2" އުފެއްދިތާ ފަސް އަހަރުފަހުން މިސިލްސިލާގެ ތިންވަނަ ފިލްމެއް އުފައްދަން އުޅޭކަމުގެ އިޝާރާތެއް ދެމުން އެފިލްމުގެ މަންޒަރެއްގައި ޝާހްރުކްގެ ފޮޓޯއެއް އިންސްޓަގްރާމްކުރަމުން ރިތޭޝް ވަނީ މިސިލްސިލާގެ ފިލްމުތަކުގައި ޝާހްރުކް ކުޅެފައިވާ ޑޮންގެ ރޯލަކީ ގިނަބައެއްގެ ލޯބި ލިބިގެން ގޮސްފައިވާ ރޯލެއް ކަމަށެވެ.

"ޑޮން 3" އުފައްދަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ދުވަސްވެފައިވާއިރު އެފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެކުރިން ރިތޭޝް ވަނީ ބުނެފަ އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ އަށް ވަނަ އަހަރު މެގަސްޓާ އާމީތާބް ބައްޗަން ލީޑްރޯލުން ފެނިގެންދިޔަ "ޑޮން" ފިލްމުގެ އަސްލަކަށް ބަލައިގެން މިސިލްސިލާގެ ފިލްމެއްގެ ރިމޭކެއް ފުރަތަމަ ނެރެފައިވަނީ 2006 ވަނަ އަހަރު އެވެ.

އެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަހްތަރު ޑައިރެކްޓްކުރާ މިސިލްސިލާގެ ކުރީ ދެފިލްމުގައި ޝާހްރުކާ އެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފަައިވަނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

"ޑޮން 3" ގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ފެނިގެންދާނެކަން ނުވަތަ ނޫންކަން އަދި ޔަގީންނުވި ނަމަވެސް މިފިލްމުގެ ބަތަލާގެ ރޯލަށް އެހެން ތަރިއަކު ހޯދަމުން އަންނަ ކަމުގެ އަޑުތަކެއް ވެސް މިފަހުން ވަނީ އަރާފަ އެވެ.

ވަރަށް އަވަހަށް މިފިލްމު އިއުލާންކުރާނެ ކަމަށްވާއިރު، މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހަކާ އަދި ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއްގެ އިތުރުން ފިލްމުގެ ޝޫޓިން ނަގާނެ ގައުމެއްވެސް އެނގިގެންދާނެ އެވެ.