ބޮލީވުޑް

ސުޝާންތް އާއެކު ނަވާޒުއްދީން ވެސް އެސްޓްރޮނޯޓެއްގެ ގޮތުގައި

Oct 29, 2016

ހާއްސަ މިޝަނެއްގައި އިންޑިއާއިން ހަނދަށް ފޮނުވާލާ އެސްޓްރޮނޯޓް ޓީމެއްގެ މައްޗަށް އުފައްދާ ފުރަތަމަ ބޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމު "ޗަންދަމަމާ ދޫރް ކޭ" ގައި ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް އާއެކު އެސްޓްރޮނޯޓެއްގެ ރޯލުން މަޝްހޫރު އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ސަންޖޭ ޕުރަން ސިންގް ޗޯހާން އުފައްދާ މިފިލްމުގައި އެސްޓްރޮނޯޓެއްގެ ރޯލުން ފެނިގެންދާނެ ކަމަށް ބުނަމުން ނަވާޒުއްދީން ވަނީ މިފިލްމަކީ މިހާތަނަށް އޭނާ ކުޅެފައިނުވާ ވައްތަރެއްގެ ފިލްމެއް ކަމަށާއި އަބަދު އެއްވައްތަރެއްގެ ރޯލުތައް ކުޅުމުގެ ބަދަލުގައި ތަފާތު ރޯލުތައް ކުޅެން ޝައުގުވެރިކަން ހުންނަ ކަމަށް ބުނެފަ އެވެ.

"މިފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އުފައްދާފައިނުވާ ކަހަލަ ހިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް" ނަވާޒުއްދީން ބުނެފައިވެ އެވެ.

"ޗަންދަމަމާ ދޫރް ކޭ" އަކީ މިޝަނެއްގައި ހަނދަށް ދާ އެސްޓްރޮނަޓުންގެ ޓީމެއް އިންޑިއާ އެކަތި ގަނޑަކަށް ހަދާ ގޮތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ހޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމު "ސްޓާ ޓެރެކް" އާއި "އެޕޯލޯ 13" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޓެކްނީޝަނުންނާ އެކު އެވެ.

ވިކީ ރަޖާނީ ޕްރޮޑިއުސްކުރާ މިފިލްމުގައި އެސްޓްރޮނޯޓްގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ތަމްރީނުތަކެއް ވެސް ހެދުމަށް ހަމަޖެހިފައިވާއިރު އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) އަށް ވެސް ޒިޔާރަތްކޮށް ކުރީގެ ސައިންޓިސްޓުންނާއި އެސްޓްރޮނަޓުންނާ އެކު ޓްރެއިިން ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

ސުޝާންތް އާއެކު އަލަށް ފިލްމެއްގައި މަސައްކަތްކުރުމަށް ފުރުސަތު ލިބުމުން އެކަމާ ވަރަށް އުފާކުރާ ކަމަށް ބުނަމުން ނަވާޒުއްދީން ވަނީ މިފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމަކީ ވަރަށް އުނދަގޫ ވާނެ ކަމެއް ކަމަށާއި ސަބަބަކީ އެސްޓްރޮނޯޓްގެ ޔުނިޕޯމްގައި ޖައްވުގެ ތެރޭގައި ދަތުރުކުރަމުންދާ އުޅަނދުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދާގޮތް ވެސް ދަސްކުރަން ޖެހޭނެ ކަމަށާއި އެއީ އުނދަގޫ ވާނެ ކަމެއް ކަމަށް ބުނެފަ އެވެ.