ދިފާއީ ދާއިރާއިން އެއް ގައުމު އަނެއް ގައުމުން އެއްބާރުލުން ދީ، ތިން ގައުމު އެކުވެގެން އަސްކަރީ ސާމާނު އުފައްދަން ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ގަތަރަށާއި ތުރުކީއަށް ދައުވަތު ދެއްވައިފި އެވެ.
ޕާކިސްތާނަށް މިހާރު ވަޑައިގެން އުޅުއްވާ ގަތަރުގެ ދިފާއީ ވަޒީރު ޑރ. ހާލިދު ބިން މުހައްމަދު އަލް އަތިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި ނަވާޒު ވިދާޅުވީ ގަތަރާއެކު އެކި ދާއިރާތަކުން އެއްބާރުލުން ދޭން ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށާއި ތުރުކީއާއެކު އޮތް ގުޅުން ވެސް އިތުރަށް ބަދަހި ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ނަވާޒު ވަނީ ތިން ގައުމު އެކުގައި ދިފާއީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަން ޕްރަޕޯސަލްއެއް ހުށަހަޅުއްވާފަ އެވެ.
ނަވާޒު ހުށަހެޅުއްވި ޕްރަޕޯސަލްއާ ބެހޭގޮތުން ގަތަރުގެ ދިފާއީ ވަޒީރު ވިދާޅުވީ ޕާކިސްތާނާއި ތުރުކީގެ އެހީތެރި ކަމާއެކު ގަތަރުގައި ވެސް އަސްކަރީ ސާމާނު އުފައްދަން ބޭނުންވާ ކަމަށެވެ.
ދާދިފަހުން ޕާކިސްތާނުން ވަނީ، އެގައުމުގައި އުފައްދާ އަސްކަރީ ޓްރެއިނިން ތަކުގައި ބޭނުން ކުރާ އަސްކަރީ މަތިންދާ ބޯޓް ވިއްކުމަށް އެއްބަސްވެފައެވެ. ތުރުކީންވެސް ދާދިފަހުން ވަނީ އޭގެ 100 އަސްކަރީ މަތިންދާ ބޯޓް ގަތުމަށް ޕާކިސްތާނާއެކު އެއްބަސްވެފައެވެ.
ޕާކިސްތާނާއި ޗައިނާ ގުޅިގެން އުފައްދާ ޖޭއެފް ތަންޑާ ފައިޓާ ޖެޓް 'ޖޭއެފް-17' ގެ މަތިންދާ ބޯޓް ގަތުމަށް ވެސް ގަތަރުން ވަނީ އެއްބަސްވެފަ އެވެ.