ބޮލީވުޑް

"ކޮފީ ވިތް ކަރަން ސީޒަން 5" ގެ ފުރަތަމަ މެހެމާނުންނަކީ ޝާހްރުކާއި އާލިއާ

Oct 30, 2016

ސުޕަސްޓާ ޝާހްރުކް ޚާން އާއި ޒުވާން ބަތަލާ އާލިއާ ބަޓް އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްޖު "ޑިއާ ޒިންދަގީ" އަންނަ މަހުގެ ފަހުކޮޅު ރިލީޒްކުރާއިރު މިދެތަރިން އަންނަނީ މިހާރުން ފެށިގެން މިފިލްމު ޕްރޮމޯޓްކުރަމުންނެވެ.

ދެއަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފަށާ ސެލެބްރިޓީ ޗެޓް ޝޯ "ކޮފީ ވިތް ކަރަން" ގެ ފަސް ވަނަ ސީޒަން އަންނަ މަހުގެ 6 ވަނަ ދުވަހު ފަށާއިރު މިއަހަރުގެ ސީޒަންގެ ފުރަތަމަ މެހެމާނުންނަކީ ޝާހްރުކް އާއި އާލިއާކަން، މިޝޯގެ ހޮސްޓް މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އާންމުކުރި ފުރަތަމަ އެޕިސޯޑްގެ ޕްރޮމޯއިން ވަނީ އެނގިގެން ގޮސްފަ އެވެ.

އެންމެފުރަތަމަ ސީޒަން ފަހެއްގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ޕާކިސްތާނުގެ އެކްޓަރުން އިންޑިއާއިން ބޭރުކޮށްލުމުން ވަނީ އޭނާގެ ބަދަލުގައި ފުރަތަމަ މެހެމާނުންގެ ގޮތުގައި ޝާހްރުކާއި އާލިއާ ގެނެސްފަ އެވެ.

ކަރަން އާންމުކުރި މިވީޑިއޯގައި ޝާހްރުކް ކަރަން ސީޒަން ހަތަރެއްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިނުވީ ކީއްވެގެންތޯ އެހެމުން ވަނީ އޭނާ ބޭނުންވީ އެއަހަރުގެ ޝޯގެ ޓީއާރްޕީ ދަށްވުމަށް ކަމަށް ބުނެފަ އެވެ. އަދި ކަރަން އާއި ޝާހްރުކާ ދެމީހުން އާލިއާއާ ދިމާކުރާކަން ފެނިގެންދެ އެވެ.

"ކޮފީ ވިތް ކަރަން" ގެ ހަތަރު ވަނަ ސީޒަންގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ އާލިއާ އަށް އިންޑިއާގެ ޕްރައިމް މިނިސްޓަރަކީ ކާކުން ނޭނގުމުން ވަނީ އެތަކެއް ބައެއްގެ މަލާމާތް އޭނާ އަށް ރައްދުވެފަ އެވެ. އަދި އެޝޯގައި އޭނާގެ އައިކިއު ވަރަށް ދަށްކަން ވެސް ވަނީ އޭނާ އަށް ކުރިމަތިކުރުވި ގިނަ ސުވާލުތަކެއް ނޭނގުމުން އެނގިގެން ގޮސްފަ އެވެ.

މިޝޯ އަކީ މަޝްހޫރު ފަންނާނުން ވަކިވަކިންނާއި ނުވަތަ ދެތަރިން އެކުގައި ގެނެސްގެން އެމީހުންނާ ކަރަން ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބުދީގެން ކުރިއަށް ގެންދާ ޝޯ އެކެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ މިޝޯގެ ހަތަރު ސީޒަންގައި ވެސް އެކި ފަރާތްތަތަކުން ވަނީ އެމީހުންގެ ވަރަށް ޕާސަނަލް ވާހަކަތަކާއި ވާދަވެރި އެހެން ތަރިންނާއި ގުޅޭ އާންމުނަށް ނޭނގޭ ސިއްރުތައް ވެސް ފަޅާ އަރުވާލާފަ އެވެ.