ބޮލީވުޑް

ސަންޖޭ އެނބުރި އަންނަ ފިލްމު އަނެއްކާވެސް ލަސްވީ؟

Oct 30, 2016

މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ޖަލުން މިނިވަންވިތާ އަށް މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އަދިވެސް ބޮލީވުޑަށް އެނބުރި އޭނާ އަންނަން އެއްވެސް ފިލްމެއްގެ މަސައްކަތްކުރާ ތަނެއް ނުފެނެ އެވެ.

ސަންޖޭ އެނބުރި އަންނަ ފިލްމު ކަމަށްވާ "މާކޯ ބައޫ" ގެ ޝޫޓިން ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ކުރިން ބުނެވުނު ނަމަވެސް ފިލްމުގެ ލިޔުންތެރިޔާ ކަމަށްވާ ވިންދޫ ވިނޯދް ޗޯޕްޅާ ވަނީ މިފލްމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކަމަށް ބުނެފަ އެވެ.

ލިޔުންތެރިޔާ އަބިޖާތް ޖޯޝީ އާއެކު މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިނޯޑް ބުނެފައިވާއިރު އޭނާ ވަނީ އެެއްވެސް ފިލްމެއްގައި ސްކްރިޕްޓް ނުނިމެނީސް ފިލްމުގެ މަސައްކަތް އެމީހުން ކުރަން ނުފަށާ ކަމަށް ބުނެފަ އެވެ.

ވިނޯދްގެ ދައްތަ ޝެލީ ޗޯޕްޅާ ޑައިރެކްޓްކުރާ މިފިލްމު އުފެއްދުން ވަގުތީ ގޮތުން މަޑުޖައްސާލި ކަމުގެ ވާހަކައެއްވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދެކެވިފަ އެވެ. ބުނެވޭ ގޮތުގައި މިފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާގޮތަށް ލަސްކޮށްފައިވަނީ މިފިލްމުގެ ސްކްރިޕްޓާ މެދު ވިންދޫ ހިތްހަމަނުޖެހޭތީވެ އެވެ.

ސަންޖޭ ސްޓަންޓްކުރާ މީހެއްގެ ރޯލުން ފެނިގެންދާ މިފިލްމަށް އޭނާ ތައްޔާރުވާން ފެށި ނަމަވެސް ފިލްމުގެ މަސައްކަތް ފަށާ ދުވަސް ލަސްވުމުގެ ސަބަބުން ވަނީ އެކަންތައްވެސް މަޑުޖައްސާލާފަ އެވެ.

އެންމެ ފުރަތަމަ ސަންޖޭ ޖަލުން މިނިވަންވުމަށް ފަހު ކުޅެން ހަމަޖެހިފައި އޮތީ ސިދާތް އާނަންދްގެ ފިލްްމެއް ނަމަވެސް އެންމެފަހު ވަގުތު ސަންޖޭ ވަނީ އެފިލްމު ހޮލީވުޑްގެ ފިލްމުތަކާ މާ އެއްގޮތް ކަމަށް ބުނެ ނުކުޅެ ދޫކޮށްލާފަ އެވެ.