ހަބަރު

ތެމާގެ އިމާރާތުން ޕީޕީއެމް ނަން ބޯޑު ނަގައިފި

ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހ. ތެމާގައި ގާއިމުކޮށްފައިވާ ޕީޕީއެމްގެ އޮފީހުގައި ޖަހާފައި ހުރި ނަން ބޯޑު ނަގައިފި އެވެ.

ޕީޕީއެމް އޮފީހުގެ ކައިރިއަށް ޕިކަޕެއްގައި ބަޔަކު ގޮސް އެ އޮފީހުގެ ނަން ބޯޑު ނައްޓާލާފައިވަނީ މިއަދު 10:30 އެހާކަންހާއިރު އެވެ. އެކަމާ ގުޅިގެން ޕީޕީއެމް އެއްވެސް އޮފިޝަލެއްގެ ކޮމެންޓެއް މިހާތަނަށް ލިބިފައި ނުވެއެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ޕީޕީއެމް އޮފީހުގައި ހުރި ހުރިހާ ތަކެއްޗެއް ނެރެ ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ހިންގުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ފަރުނީޗަރުތަކާއި އެހެނިހެން އާލާތްތައް ހިމެނޭ ހަތް ލޮރީގެ މުދާ ގެންދިޔަ އެވެ.

އެ ތަކެތި ބަދަލު ކުރި އިރު ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން އެކަމަށް ދެކޮޅު ވެސް ހެދި އެވެ. ޕީޕީއެމްގެ ހިންގުން ޝަރީއަތުން ހަވާލުކޮށްފައި ވަނީ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށެވެ.