ހަބަރު

ޕީޕީއެމްގެ އިދާރީ ބައެއް މަސައްކަތްތައް ޖަނަވަރީމަގު އޮފީހަށް

ޕީޕީއެމްގެ ބައެއް އިދާރީ މަސައްކަތްތައް ޖަނަވަރީ މަގުގައި ހުންނަ އެ ޕާޓީގެ އޮފީހުގެ ކެމްޕެއިން އޮފީހުގައި ކުރަން ފަށައިފި އެވެ.

އެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ކެމްޕޭން އޮފީހާއި ރައީސް އޮފީހުގެ ވެސް ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ކެމްޕޭނު އޮފީހުގައި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިހާރު އެންމެ ބޮޑަށް ކުރައްވާ މަސައްކަތަކީ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްޕުޅު ކަމަށެވެ. އެގޮތުން އެކަން އިތުރަށް ފަސޭހަ ކުރުމަށް ޖެނުއަރީ މަގުގެ އޮފީހުގައި ޕާޓީ ފޯމް ބަލައި ގަތުމުގެ މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށެވެ.

"ޕީޕީއެމްގެ ފޯމް ފުރާފައި ތިބި ފަރާތްތަކުން ޝަކުވާ ކުރޭ އެ މެންބަރުގެ ނަން ދަފްތަރުގައި ނުހިމެނޭ ކަމަށް ބުނެ، އެހެންކަމުން އަޅުގަނޑުމެން މިކުރަން ފަށާ މަސައްކަތުގެ ތެރެއިން މި އޮފީހުން މެމްބަޝިޕް ފޯމް ފުރައިދޭނެ. އަދި އެ ފޯމްތައް ޒިންމާދާރު ކަމާއެކު އިލެކްޝަން ކޮމިޝަނާ ހަމައަށް ގެންދިޔުމުގެ މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތުގެ އިތުރުން ކައުންސިލް އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ވެސް އެ އޮފީހުގައި މެންބަރުންނަށް އެހީ ތެރިވެދޭނެ އެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލަރު ކަމަށް ވާދަ ކުރައްވާ ފަރާތްތަކަށް ފޮޓޯ ނަގާ ދިނުމާއި ކެމްޕެއިނަށް ބޭނުންވާ މަސައްކަތްތައް ކޮށްދިނުން ހިމެނެ އެވެ.

ޖެނުއަރީ މަގުގައި ހުންނަ އޮފީހުގައި މިހާތަނަށް ކުރަމުން އައީ ރައީސް ޔާމީން 2018 އަށް ކެމްޕެއިންގެ މަސައްކަތާއި އެ ފާޓީއިން ކުރިޔަށް ގެންދާ މަހާސިންތާގެ ހުރިހާ މަސައްކަތެވެ.

ޕީޕީއެމްގެ މައި އޮފީސް ހިންގަމުން އައި ހ. ތެމާ ހުސް ކުރުމަށް ފަހު އެ ޕާޓީގެ ރަސްމީ ވަކި އޮފީހެއް އަދި ހަމަޖައްސާފައެއް ނުވެއެވެ. ނަމަވެސް އެ އޮފީހުގައި ކުރަމުންއައި މަސައްކަތްތައް މިހާރު ދަރުބާރުގޭގައި ވެސް ކުރެ އެވެ.