ބޮލީވުޑް

ރަންބީރުގެ ފިލްމު ސްކްރީނިންއަށް ކެޓްރީނާއަށް ދައުވަތު ނުދޭ!

Oct 31, 2016
2

ފުލުފުލުގައި އެކްޓަރު ރަންބީރު ކަޕޫރުގެ ރިލީޒްވި ފިލްމުތައް ފްލޮޕްވެ އޭނާގެ ފިލްމީ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ. އޭނާގެ ފިލްމެއް ކާމިޔާބުވޭތޯ ފެން ބޮވައިގަނެފައި ހުއްޓާ ހުކުރު ދުވަހު ރިލީޒްކުރި "އޭ ދިލްހޭ މުޝްކިލް" އާއެކު އޭނާގެ ކެރިއަރު އަލުން ކޮޅަށް ޖެހިދާނެ ކަމުގެ މަލަމަތި އަންނަނީ ފެންނަމުންނެވެ. އަދި ކަރަން ޖޯހަރުގެ މި ފިލްމު ބެލި ހުރިހާ ފަރާތްތަކުން ރަންބީރު އެކްޓިން އަށް ތައުރީފު ކޮށްފައި ވެއެވެ.

ބޮލީވުޑްގައި ތިބި ކަރަންގެ ގާތް ފަރާތްތަކަށް މި ފިލްމު ދައްކާލުމަށް ހާއްސަ ޝޯއެއް ބާއްވާފައިވާއިރު މަޝްހޫރު ތަރިންގެ ތެރެއިން ކަރަން އާއި ގާތްގުޅުމެއް އޮންނަ ފަރާތްތަކުގެ ތެރެއިން މި ހަފްލާއިން ފެނިގެން ނުދަނީ ރަންބީރު އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ ކައިފް އެވެ.

ކެޓްރީނާ އާއި ރަންބީރު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވިފަހުން މި ދެތަރިންގެ ދެމެދުގައި ގާތްގުޅުމެއް ނޯންނަ ކަމަށް ވާއިރު ރުޅިވި ފަހުން ފުރަތަމަ ފަހަރަށް އެ ދެތަރިންގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ރަންބީރު ވަނީ ކެޓްރީނާ އަކީ އޭނާގެ ހަޔާތުގައި އެންމެ ނުފޫޒު ގަދަ އަދި އޭނާ އަށް ވަރަށް ހާއްސަ މީހެއް ކަމަށް ބުނެފަ އެވެ.

ރަންބީރު މިހެން ބުނެފައިވަނިކޮށް އޭނާގެ ކެރިއަރަށް އެހާ މުހިންމު ފިލްމެއް ރިލީޒްވިއިރު، އެފިލްމު ބަލާލުމަށް ކެޓްރީނާ ނުދިއުމުން ގިނަ ބައެއްގެ ހިތުގައި ވަނީ އެކަމާ ގުޅޭގޮތުން ސުވާލު އުފެދިފަ އެވެ.

ކަރަން މިފަހުން އުފެއްދި ފިލްމު "ބާރް ބާރް ދޭކޯ" ގެ ބަތަލާގެ ރޯލުން ކެޓްރީނާ ފެނިގެންދިޔަ ފަހުން އޭނާ އާއި ކަރަން އަކީ ވަރަށް ގާތް ދެއެކުވެރިން ކަމަށްވާއިރު ވެސް "އޭ ދިލްހޭ މުޝްކިލް" ގެ ސްކްރީނިން އަށް ކެޓްރީނާ ނުދެ އެވެ. މިހާއްސަ ސްކްރީނިން އަށް ކެޓްރިނާ ނުދިޔަ ކަމަށްވަނީ އޭނާ އެތަނަށް ދިއުމަށް ރަންބީރު ބޭނުން ނުވާތީ ކަރަން ދައުވަތު ނިދުނުމުން ކަމަށްވެ އެވެ.

ކަރަންގެ އެއް ފެވަރިޓް ބަތަލާގެ ގޮތުގައި މިހާރު ހިމެނޭ ކެޓްރީނާ މިފިލްމު ބަލާލަން ބޮލީވުޑްގެ އެހެން ތަރިންނާއެކު ނުދިއުމުން އޭނާ މިހަފްލާ ގަސްތުގައި މިސްކޮށްލީ ކުރީގެ ލޯބިވެރިޔާ ރަންބީރުގެ ފިލްމަކަށް ވުމުން ކވެސް އަޑުތައް ވަނީ އަރާފަ އެވެ.

ބޮލީވުޑްގެ ނޫސްތަކަށް ބުނެފައިވާ ގޮތުގައި ކަރަން ކެޓްރީނާ އަށް ދައުވަތު ދޭން އުޅުމުން އެކަމަށް ހުރަސް އަޅާފައިވަނީ ރަންބީރެވެ. ރަންބީރު ވަނީ ކެޓްރީނާ އެތަނަށް ގޮސްފިނަމަ އެތަނުގައި އެހާ ހިތްހަމަޖެހޭ މާހައުލެއް ނޯންނާނެ ކަމަށާއި އަދި އެގޮތަށް ވާން އޭނާ ނޭދޭ ކަމަށް ބުނެފަ އެވެ.

މި ހަބަރު ކެޓްރީނާގެ ކަންފަތާ ހަމައަށް ފޯރުމުން އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް އޭނާ ވަނީ އެކަން މާބޮޑު މައްސަލަ އަކަށް ނުހެދުމަށް ނިންމާފަ އެވެ. ކަރަން އުފައްދާ ފިލްމެއްގެ ބަތަލާގެ ރޯލު ވެސް އޭނާ އަށް ލިބިފައިވާއިރު ބޭކާރު ގޮތުގައި ކަރަން އާ ދެމެދު އޮތް ގުޅުން ހީނަރު ކުރަން އޭނާ ވެސް ބޭނުންނުވަނީ އެވެ.

ރަންބީރާއި ކެޓްރީނާގެ ހަ އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައިއިރު މި ދެތަރިން އެކުގައި އައީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" ގެ މަންޒަރުތައް ނަގަމުންނެވެ. ރަންބީރު ޕްރޮޑިއުސް ވެސް ކުރާ މިފިލްމުގެ ޝޫޓިން މި ދެތަރިން ރުޅިވުމުން ހުއްޓި ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތްއިރު ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.