ބޮލީވުޑް

ބަތަލާ ލީސާ ހޭޑަން ކައިވެނިކޮށްފި

Oct 31, 2016

"ކުއީން" ގައި ބަތަލާ ކަންގަނާ ރަނާވަތު އާއެކު މުހިންމު ރޯލަކުން ފެނިގެންދިޔަ ލީސާ ހޭޑަން ކައިވެނިކޮށްފި އެވެ.

ޕާކިސްތާނަށް އުފަން އިނގިރޭސި ވިޔަފާރިވެރިޔާ ޑީނޯ ލަލްވާނީ އާ ލޯބގެ ގޮތުން އަހަރެއްހާ ދުވަސް ވަންދެން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފައިވަނީ ހުކުރު ދުވަހު އެވެ.

ތައިލޭންޑްގެ ފުކެޓްގައި ބޭއްވި ބީޗް ވެޑިންއެއްގައި ލީސާ އާއި ޑީނޯ ކައިވެނިކޮށްފައިވަނީ ދެފަރާތުގެ އާއިލާ އާއި އެންމެ ގާތްއެކުވެރިން ބައިވެރިވި ކުޑަ ހަފްލާއެއްގަ އެވެ.

ޑީނޯ އާއި ލީސާ އެންޖޭގްވިކަން އޭނާ އިންސްޓަގްރާމް މެދުވެރިކޮށް އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި އޭނާ ވަނީ ކައިވެނީގެ ހަފްލާގެ ބައެއް ފޮޓޯތައް ވެސް އިންސްޓަގްރާމަށްލާފަ އެވެ.

ލީސާ ކައިވެނިކުރި ހަބަރާއެކު އޭނާ ބޮލީވުޑް ދޫކޮށްލާނެ ކަމުގެ ވާހަކަތައް ވެސް ދެކެވެމުން އަންނައިރު، މިފަހުން އޭނާ ވަނީ ފިލްމެއް ކުޅެން ސޮއިކުރުމަށްފަހު ފިލްމުގެ ޝޫޓިން ފެށެން ކައިރިވެފައި ވަނިކޮށް ކައިވެނިކުރަން ނިންމާފައިވާ ކަމަށް ބުނެ އެފިލްމު ދޫކޮށްލާފަ އެވެ.

މޮޑެލެއްގެ ގޮތުގައި ވިދާލި ލީސާގެ ބައްޕަ އަކީ އިންޑިއާ އަދި މަންމަ އަކީ އޮސްޓްރޭލިއާ މީހެކެވެ. އިންޑިއާ އަށް އުފަންވި ނަމަވެސް ލީސާގެ އުޅެބޮޑުވެފައިވަނީ އޮސްޓްރޭލިއާގެ އިތުރުން ޔޫކޭގަ އެވެ. ލީސާ އެންމެފުރަތަމަ ފެނިގެންދިޔަ ބޮލީވުޑްގެ ފިލްމަކީ 2010 ވަނަ އަހަރު ނިކުތް ފިލްމު "އައިޝާ" އެވެ. އެފިލްމުގައި އޭނާ ފެނިގެންދިޔަ ރޯލަށް ފަހު ބެލުންތެރިންގެ މެދުގައި ލީސާ މަޝްހޫރުވެގެން ގޮސްފައިވަނީ "ކުއީން" ގައި ފެނިގެންދިޔަ ރޯލުންނެވެ.

މިރޯލު ކުޅެގެން ފިލްމުފެއާގެ އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑުވެސް އޭނާ އަށް ލިބިފައިވާއިރު އޭގެފަހުން ލީސާ ވަނީ "ހައުސްފުލް 3" އާއި "ރާސްކަލް" އަދި ހުކުރު ދުވަހު ރިލީޒްކުރި "އޭ ދިލްހޭ މުޝްކިލް" ގެ ހާއްސަ މަންޒަރަކުން ފެނިގެން ގޮސްފަ އެވެ.