ބޮލީވުޑް

ފައިސާ ދައްކަން ފަރްހާން ދެކޮޅު ހެދުމުން އެމްއެންއެސްގެ އިންޒާރެއް

Oct 31, 2016

ޑައިރެކްޓަރު ކަރަން ޖޯހަރު "އޭ ދިލްހޭ މުޝްކިލް" ގައި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އުޅޭތީ އެ ފިލްމު އިންޑިއާގައި ރިލީޒްވިޔަ ނުދިނުމަށް ސިޔާސީ ޕާޓީ ކަމަށްވާ މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން އިންޒާރުތައް ދެމުން އައިސް އެންމެ ފަހުން ފިލްމު ރިލީޒްކުރުމުގެ ހުއްދަދީފައި ވަނީ ދެން ޕާކިސްތާނުގެ އެކްޓަރުން ހިމަނައިގެން ފިލްމު ނުއުފައްދާނެ ކަމަށް ކަރަން ބުނުމުންނެވެ.

އަދި އެޕާޓީން ކުރި ޑިމާންޑާ އެއްގޮތަށް ކަރަން ވަނީ އޭނާގެ ފިލްމު ރިލީޒްވުމުގެ ކުރިން އާމީ ވެލްފެއާ ފަންޑަން 5 ކްރޯޑް (50 މިލިއަން) ރުޕީޒް ފައިސާގެ އެހީގެ ގޮތުގައި ދީނުމުގެ އިތުރުން އޭނާގެ ފިލްމު ފެށުމުގެ ކުރިން ޕާކިސްތާނުން އިންޑިއާގެ ޔޫރީ އަށް ދިން ޓެރަރިސްޓް ހަމަލާގައި މަރުވި ސިފައިންނަށް ހާއްސަ މެސެޖެއް ވެސް ރައްދުކޮށްފަ އެވެ.

މީގެ ފަހުން ވެސް ޕާކިސްތާނު އާޓިސްޓުން އުޅޭ އެއްވެސް ފިލްމެއް ރިލީޒްކުރާ ނަމަ އާމީ ވެލްފެއާ ފަންޑަށް 50 މިލިއަން ރުޕީސް ހަދިޔާ ކުރަން ޖެހޭނެ ކަމަށް އެމްއެންއެސްއިން ބުނެފައިވާއިރު އެ ޕާޓީން ވަނީ ފިލްމު ރިލީޒް ކުރުމުގެ ކުރިން މިފައިސާ ދެއްކުން ފިލްމު ރިލީޒްކުރުމުގައި ހުރަސްތަކެއް ކުރިމައްޗެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.

ކަރަންގެ "އޭ ދިލްހޭ މުޝްކިލް" ގެ އިތުރުން އަންނަ މަހު ރިލީޒްކުރާ ޝާހްރުކް ޚާން އާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" ގެ އިތުރުން ޝާހްރުކް އާއި ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާންގެ "ރައީސް" ގައި ވެސް ޕާކިސްތާނު ތަރިން ހިމެނޭތީ އެފިލްމުތައް ރިލީޒްކުރެވޭނީ 50 މިލިއަން ރުޕީޒް ދިނުމުން ކަމަށް ބުނެފައިވީ ނަމަވެސް "ރައީސް" ގެ ޕްރޮޑިއުސަރު ފަރްހާން އަހްތަރު ވަނީ އެފިލްމު ސިނަމާތަކުގައި ދެއްކުމަށް އެމްއެންއެސްއިން އެދޭ އަދަދު ނުދައްކާނެ ކަމަށް ބުނެފަ އެވެ.

ފަރްހާން ވަނީ އެމްއެންއެސްއިން 50 މިލިއަން ރުޕީޒް އާމީ ވެލްފެއާ ފަންޑަށް ދައްކަން މަޖުބޫރުކުރާތީ އެކަމާ އިންތިހާ އަށް ފާޑުކިޔާފަ އެވެ. އަދި އޭނާ ވަނީ އެއަދަދު ދައްކަން އެފިލްމުގެ ފަރާތުން އިންކާރުކުރާ ކަމަށާއި އެފައިސާގައި ނުހިފާން އާމީ ވެލްފެއާ ފަންޑުން ދެކޮޅު ހަދަމުންނަ އަންނައިރު އެލާރި ދައްކަން ޖެހޭ ކަމާމެދު ސުވާލު ނުވެސް އުފެދޭ ކަމަށް ބުނެފަ އެވެ.

"ސަރުކާރަކުން ނޫން ބުނަމުން ދަނީކީ އަހަރެމެން ކަންތައް ކުރަންވީ ގޮތާއި ކުރަން ނުވީ ގޮތް. މިފަދަ ވާހަކަތައް ދައްކަމުން ދަނީ ފިތުނަ އުފައްދަން މަސައްކަތްކުރަމުންދާ މީހުން" އެމްއެންއެސް އާ ގުޅޭގޮތުން ފަރްހާން ބުނެފައިވެ އެވެ.

ފަރްހާން ކޮމެންޓާ ގުޅިގެން އެމްއެންއެސްއިން ވަނީ އޭނާގެ ފިލްމު އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ރިލީޒްވާނެ ކަމަށާއި ފިލްމު ރިލީޒްކުރާ ދުވަސްކައިރިވުމުން އެމީހުން އެފައިސާ ނުދެއްކުމުން ވާނެ ގޮތް އެނގޭނެ ކަމަށް އެޕާޓީގެ ވިންގް ޕްރެޒިޑެންޓް އަމޭ ކޯޕްކަރް ވަނީ ބުނެފަ އެވެ.

"ފިލްމު ރިލީޒްކުރަން ގާތްވުމުން އެނގޭނެ މިފައިސާ ނުދެއްކުމުން ވާނެ ގޮތް. މިފައިސާ އާމީ ފަންޑަށް ދައްކަން ޖެހޭނެ ކަމަށް ނިންމިއިރު މިއިން އެއްވެސް ޕްރޮޑިއުސަރެއްގެ ޝަކުވާއެއް ނާދޭ" އަމޭ ބުނެފައިވެ އެވެ.

ފަވަދް "އޭ ދިލްހޭ މުޝްކިލް" ގައި އުޅޭތީ އެމްއެންއިސް ވަނީ އެފިލްމު އިންޑިއާގައި ރިލީޒްނުކުރެވޭނެ ކަމަށް ބުނެ މުޒާހަރާކޮށް، ފިލްމުން އޭނާގެ ބައި ފޮހެލަން އިންޒާރުދީފަ އެވެ. އެންމެފަހުން އެފިލްމު ހުކުރު ދުވަހު ރިލީޒްކުރިއިރު ފަވަދްގެ ރޯލު ވަނީ ވަރަށް ބޮޑަށް ކުރުކޮށްލާފަ އެވެ.