ދުނިޔެ

އެލް ސެލްވަޑޯގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

Oct 31, 2016
1

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އެލް ސެލްވަޑޯގެ ކުރީގެ ރައީސް އެންޓޯނިއޯ ސާކާ ހައްޔަރުކޮށްފި އެވެ. އޭނާއަކީ 2004 ވަނަ އަހަރުން 2009 ވަނަ އަހަރަށް އެ ގައުމުގައި ވެރިކަން ކުރެއްވި ރައީސެވެ.

އެންތޯނިއޯ ހައްޔަރުކޮށްފައިވަނީ، އިއްޔެ، އޭނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ރިސެޕްޝަންގައި ހުންނަވަނިކޮށެވެ. އޭނާއާއެކު އެނާގެ ސަރުކާރުގެ އިސް ހަ އޮފިޝަލަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.

އެންތޯނިއޯ ހައްޔަރުކޮށްފައިވާއިރު އޭނާގެ އެކައުންޓް ފްރީޒްކޮށް މުދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އެންތޯނިއޯގެ މައްސަލަ ތަހުގީގު ކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގާފައިވެ އެވެ. އެއީ، އޭނާ ވެރިކަމުގައި ހުންނެވިއިރު ފަސް މިލިއަން ޑޮލަރު މިލްކްކުރެއްވި ގޮތް ބުނެދެވިފައިނުވާތީ އެވެ.

އޭނާ ނިސްބަތްވާ ޕާޓީ ކަމަށްވާ ކޮންސަވޭޓިވް ނޭޝަނަލިސްޓް ރިޕަބްލިކަން ޕާޓީން ވެސް ވަނީ އޭނާ މިހާރު ވަކިކޮށްފަ އެވެ.

މީގެ ކުރިން ވެސް އެ ގައުމުގެ ކުރީގެ ރައީސުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވި، އެ މައްސަލަތައް ތަހުގީގުކޮށްފައިވެ އެވެ.