ބޮލީވުޑް

"ރޭސް 3" އިން ހުށަހެޅުމެއް ސަލްމާނަށް ނުލިބޭ

Nov 1, 2016

ދެހާސް އަށް ވަނަ އަހަރު އެންމެ ފުރަތަމަ ރިލީޒްކުރި "ރޭސް" ސިލްސިލާގެ ފުރަތަމަ ފިލްމުގެ ކާމިޔާބީ އާއެކު އެސިލްސިލާގެ ދެވަނަ ފިލްމު ވަނީ 2013 އަހަރު ނެރެފަ އެވެ.

މިސިލްސިލާގެ ތިން ވަނަ ފިލްމު، "ރޭސް 3" އުފައްދަން ޑައިރެކްޓަރުން ކަމަށްވާ އައްބާސް އާއި މުސްތާން މަސައްކަތްކުރަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު މފިލްމުގެ ލީޑް އެކްޓަރުގެ ރޯލު ސުޕަސްޓާ ސަލްމާން ޚާނަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

"ރޭސް" އާއި "ރޭސް 2" ގެ ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ އެކްޓަރު ސައިފް އަލީ ޚާން އެވެ.

"ބާޒީގަރް" އާއި "ކިލާޅީ" އަދި "ސޯލްޖާ" ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ މަޝްހޫރު ދެޑައިރެކްޓަރުން ކަމަށްވާ އައްބާސް އާއި މުސްތާން ވަނީ މިފިލްމުގެ ރޯލެއް ސަލްމާނަށް ހުށަހެޅި ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

މިހާތަނަށް މިފިލްމުގެ ވާހަކަވެސް އެއްވެސް ތަރިއަކާ ހިއްސާ ނުކުރާ ކަމަށް ބުނަމުން އައްބާސް - މުސްތާން ވަނީ މިފިލްމުގައި ހިމަނާނެ ތަރިންވެސް ކަނޑަނާޅާ ކަމަށް ބުނެފަ އެވެ.

"ފިލްމުގެ ތަރިންނާއި އެހެނިހެންވެސް ހުރިހާ ކަމެއް ނިމޭވަރުވަނީ އަންނަ އަހަރުގެ ތެރޭގައި" އައްބާސް މުސްތާން ބުނެފައިވެ އެވެ.

"ރޭސް" ގެ މުހިންމު ރޯލުތަކުން އަނިލް ކަޕޫރާއި ކެޓްރީނާ ކައިފް އަދި ބިޕާޝާ ބާސޫ އާއި އަކްޝޭ ކަންނާ ފެނިގެން ގޮސްފައިވާއިރު "ރޭސް 2" ގައި ސައިފް އާއި އަނިލްގެ އިތުރުން ފެނިގެން ގޮސްފައިވަނީ ޖެކުއަލީ ފާނެންޑޭޒް އާއި ދިޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް އެވެ.

ސަލްމާން މިިހާރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ކުޅެމުން އަންނައިރު އޭނާ ކުރިއަށް ކުޅެން ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ" އާއި "ދަބަންގް 3" ހިމެނެ އެވެ.