ބޮލީވުޑް

"ތަކަޅުމް" އާއި "އޭ ދިލްހޭ މުޝްކިލް" އެއްގޮތެއް ނޫން

Nov 2, 2016

ޑައިރެކްޓަރު ހޯމީ އަދްޖާނީ ޒުވާން ދެ ތަރިން ކަމަށްވާ ސުޝާންތް ސިންގް ރާޖްޕުތް އާއި ޕަރިނީތީ ޗޯޕްޅާ ލީޑްރޯލުގައި ހިމަނައިގެން އުފައްދާ ފިލްމު "ތަކަޅުމް" ގެ ޝޫޓިން ލަސްކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އާއި ހޯމީ އުފައްދާ ފިލްމު "ތަކަޅުމް" ގެ ވާހަކަ އެއްގޮތް ކަމެއް ހުރި ކަމަށް ބުނެ މިފިލްމު ލަސްކޮށްފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނައިރު މިވާހަތަކަައް ހޯމީ ވަނީ ދޮގުކޮށްފަ އެވެ.

އައިޝްވާރިޔާ ރާއީ އާއި ރަންބީރު ކަޕޫރު އަދި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެންދާ "އޭ ދިލްހޭ މުޝްކިލް" އާއި އޭނާގެ ފިލްމުގެ ވާހަކަ އެއްވެސް ގޮތަށް އެއްގޮތް ކަމެއް ނުހުންނާނެ ކަމަށް ބުނަމުން ހޯމީ ވަނީ "ތަކަޅުމް" ގެ ޝޫޓިން ފެށުން ލަސްކުރީ ފިލްމުގެ ސްކްރިޕްޓަށް ބައެއް ބަދަލުތަކެއް ގެންނަން ބޭނުންވާތީ ކަމަށެވެ.

"އެއްވެސް ގޮތަށް އެފިލްމުގެ ވާހަކައާ އަހަރެންގެ ފިލްމުގެ ވާހަކައާ އެއްގޮތް ކަމެއް ހުރުމުންނެއް ނޫން ފިލްމުގެ ޝޫޓިން ލަސްކުރީ. ފިލްމުގެ ބައެއް މަންޒަރުތައް ރަނގަޅުކުރަން ސްކްރިޕްޓަށް ބަދަލުތަކެއް ގެންނަ ޖެހޭ ކަމަށް ފިލްމުގެ ޓީމަށް ފެންނާތީ" ހޯމީ ބުނެފައިވެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު "ތަކަޅުމް" ގެ ޝޫޓިން ފަށާފައިވާއިރު މަޑުޖައްސާލާފައިވާ މިފިލްމުގެ ޝޫޓިން ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެނައުމަށްފަހު ވީހާވެސް އަވަހަކަށް ފަށާނެ ކަމަށް ވެސް ހޯމީ ވަނީ ބުނެފަ އެވެ.

"އޭ ދިލްހޭ މުޝްކިލް" އާއި "ތަކަޅުމް" ގެ ވާހަކަ އެއްގޮތް ކަމުގެ އަޑުތަކެއް އަރާފައިވަނީ މިފިލްމުގައި ސުޝާންތް ކުޅެނީ ލަވަކިޔުންތެރިއެއްގެ ރޯލަކަށްވެފައި އޭނާ އެރޯލަށް ތައްޔާރުވަމުން އައި ވީޑިއޯ އިންސްޓަގްރާމްގައި އާންމުކުރުމުންނެވެ.

ހޯމީ މިހާތަނަށް ވަނީ "ކޮކްޓެއިލް" އާއި "ފައިންޑިން ފެނީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފަ އެވެ. އަދި "ތަކަޅުމް" އަކީ ސުޝާންތް އާއި ޕަރިނީތީ އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މިދެތަރިިން ބޮލީވުޑަށް ނިކުތްތާ ކުރީކޮޅުގައި ވަނީ "ޝުދް ދޭސީ ރޮމާންސް" އިން ފެނިގެން ގޮސްފަ އެވެ.