ބޮލީވުޑް

ކަމަލް ހަސަން އާއި ގޯތަމީ 13 އަހަރު ފަހުން ވަކިވެއްޖެ

Nov 2, 2016

މަޝްހޫރު ފިލްމު އެކްޓަރު އަދި ޑައިރެކްޓަރުގެ ކަމަލް ހަސަން އާއި ތަމަޅަ ބަތަލާ ގޯތަމީ 13 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެއްޖެ އެވެ.

ތަމަޅަ ސުޕަސްޓާ ކަމަލް އާއި ގޯތަމީ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެކުގައި ދިރިއުޅުމުން އައިސްފައިވާއިރު މިދެތަރިން ރުޅިވެފައިވާކަން ގޯތަމީ ހާމަކޮށްފައިވަނީ އޭނާގެ ބްލޮގްގަ އެވެ.

ގޯތަމީ އާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ކަމަލް ދެ ކައިވެންޏެއް ކޮށްފައިވާއިރު ބަތަލާ ޝްރުތީ ހަސަން އާއި އަކްޝަރާ ހަސަން އަކީ އޭނާގެ ދެއަންހެން ކުދިންނެވެ.

ޝްރޫތީ އާއި އަކްޝަރާގެ މަންމަ ސަރީކާ ވަރިކުރުމަށްފަހު ގޯތަމީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ދެތަރިން އެކުގައި ދިރިއުޅެން ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ.

ތޭރަ އަހަރުވީ ލޯބީގެ ގުޅުމުގެ ސިއްކަ ޖަހާލުމަކީ މިހާތަނަށް ކުރަން އެންމެ އުނދަގޫވި ކަންތައް ކަމަށް ގޯތަމީ އޭނާގެ ބްލޮގްގައި ލިޔެފައިވާއިރު އޭނާ ވަނީ މިނިންމުން ނިންމާލަން ޖެހުނީ އެދެމީހުންގެ ދޭތެރޭގައި ޖެހުނު މައްސަލަ ހައްލު ނުކުރެވޭ ހިސާބަށް ދިއުމުން ވަކިވުމަކީ އެދެމީހުންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުންނެވެ.

"އަހަންނާއި ކަމަލްގެ 13 އަހަރުވީ ގުޅުން ނިމުމަކަށް ގެނައި ވާހަކަ ދެއްކުމަކީ އަހަރެންގެ ހިތަށް އެންމެ އަސަރުކުރާ ވާހަކަ. ތޭރަ އަހަރު އެކުގައި އުޅުމަށްފަހު ވަކިވާނެ ނިންމުމަކީ އަހަރެންގެ ހަޔާތުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން. އިންތިހާ ލޯބިވާ މީހަކާ އެކު އިތުރަށް ދެން ނޫޅެވޭނެކަން އެނގި ދެމީހުންގެ ހަޔާތުގެވެސް މަގުސަދު ބަދަލުވެ އެކުގައި ނޫޅެވޭ ހިސާބަށް ދިއުމުން މުޅި ހަޔާތް އެކަމުގެ ތެރޭގައި ހަލާކުކޮށްލުމަށްވުރެން ދެމީހުން ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުން. މިނިންމުން ނިންމަން އަހަންނަށް ވަރަށް ގިނަ އަހަރުތަކާއި ވަގުތު ނެގި، މިއީ އަހަރެންގެ ހިތަށް ކެތްނުވާވަރުގެ ކަމެއް ނަމަވެސް އެންމެފަހުން އަހަރެން މިވަނީ މިހަގީގަތާ ކުރިމަތިލާފައި. ހަޔާތުގެ މިހާ ހިސާބުގައި އަންހެނަކަށް މިވަރުގެ ނިންމުމެއްް ނިންމާލަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެންނަމަވެސް އަހަންނަކީ މަންމަ އަކަށްވެފައި އަހަރެންގެ އެންމެ ފުރަތަމަ ޒިންމާ އަކަށްވަނީ އަހަރެންގެ ދަރިފުޅަށް ރަނގަޅު މަންމަ އަކަށްވުން ކަމަށްވާއިރު ހިތާދެކޮޅަށް ވެސް މިކަންތައް ނިންމާލުމަކީ އަހަންނަށް ވަރަށް މުހިންމު ކަމެއް." ގޯތަމީ އޭނާގެ ބްލޮގްގައި ލިޔެފައިވެ އެވެ.

ގޯތަމީ އިތުރަށް ވަނީ މިވާހަކަތައް ހިއްސާކޮށްގެން އެއްވެސް ބައެއްގެ ސަމާލުކަމާއި ހަމްދަރުދީ ހޯދަން އޭނާ ނޫޅޭ ކަމަށާއި ކަމަލް އަކީ އޭނާ ފިލްމީ ދާއިރާ އަށް ނިކުތީއްސުރެން އޭނާގެ އެންމެ ކަމުދާ އެކްޓަރު ކަމަށެވެ. މިހާތަނަށް ވެސް އޭނާ އަކީ ކަމަލް އަށް ވަރަށް ހިތްވަރުދިން އޭނާގެ ހުރިހާ އުފަލަކާއި ހިތާމައެއްގައިވެސް އެންމެ ކައިރީގައި ހުރި މީހާ ކަމަށާއި އޭނާ އާއެކު ހޭދަކޮށްފައިވާ ހުރިހާ ވަގުތަކީ މުޅި އުމުރަށް އޭނާގެ ހިތުގައި ރައްކާކުރާނެ ހަންދާންތައް ކަމަށްވެސް ގޯތަމީ ވަނީ ބުނެފަ އެވެ.

ކަމަލް އާއި ގޯތަމީގެ 13 އަހަރުވީ ގުޅުން ނިމުމަކަށް ގެންނަން ޖެހުނު ސަބަބު އޭނާ ހާމަކޮށްފައިނުވި ނަމަވެސް އެދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ވަކިވާން ޖެހުނީ ކަމަލްގެ ދޮށީ ދަރިފުޅު ޝްރުތީ އާއި ގޯތަމީއާ ދެމެދު ޖެހުނު މައްސަލަތަކެއްގައި ކަމަށްވެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ޝްރުތީ އާއި ގޯތަމީއާ ދެމެދު އެއް އިރެއްގައި ވެސް ގާތްގުޅުމެއް ނޯންނަ ކަމަށްވާއިރު ޝްރުތީ އާއި ކަމަލް އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ސަބާޝް ނައިޑޫ" ގައި ޝްރުތީގެ ކޮސްޓިއުމް ޑިޒައިނަރަކީ ގޯތަމީ އެވެ. އަދި މިފިލްމުގެ ޑައިރެކްޓަރަކީ ކަމަލް އެވެ.

މިފިލްމުގައި ޝްރުތީ ބޭނުންކުުރުމަށް ގޯތަމީ ޑިޒައިންކުރި އެއްވެސް ކޮސްޓިއުމަކާ މެދު އޭނާ ހިތްހަމަނުޖެހުނު ކަމަށްވާއިރު އެކަމާ ގުޅިގެން ފިލްމުގެ ސެޓުގައިވެސް ޝްރުތީ އާއި ގޯތަމީއާ ދެމެދު މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.

ކަމަލް އާއި ޝްރުތީ ބައްޕަ އަދި ދަރިފުޅުގެ ރޯލުން ފެނިގެންދާ މިފިލްމަށް އޭނާ އަށް ގޯތަމީ ތައްޔާރުކޮށްދިން އެއްވެސް ކޮސްޓިއުމެއް ކަމުނުދިއުމުން އެކަމާ ގުޅިގެން ތަކުރާރުކޮށް ޝަކުވާ ކޮށްފައިވާ ކަމަށްވެ އެވެ.

އެގޮތުން ޝްރުތީ އާއި ގޯތަމީއާ ދެމެދު މިފިލްމުގެ ކޮސްޓިއުމާ ގުޅިގެން ހިޔާލު ތަފާތުވުން ތަކެއް އުޅޭ ކަމުގެ ހަބަރުތައް ފެތުރެން ފެށުމުން ޝްރުތީގެ ސްޕޯކްސްޕާސަން ވަނީ ގޯތަމީ އާއި ޝްރުތީއާ ދެެމެދު އޮންނަނީ ގާތްގުޅުމެއް ކަމަށާއި އަދި ކޮސްޓިއުމްގެ މައްސަލަ ޕްރޮފެޝަނަލީ ހައްލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ލޯބިވެރިޔާ އާއި ދަރިފުޅާ ދެމެދު ޖެހުނު މައްސަލަ ހައްލުނުކުރެވި އެންމެފަހުން ކަމަލް އަށް އޭނާގެ 13 އަހަރުވީ ލޯބި ގެއްލުނީ އެވެ.

ކަމަލް އާއި ގޯތަމީ އެކުގައި ބައެއް ފިލްމުތައް ވެސް ކުޅެފައިވާއިރު އެދެމީހުން އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ޕަޕަނަސަމް" އިންނެވެ.