މާބަނޑު ދުވަސްވަރު އެންމެ ހާސްވާނެ އެއް ކަމަކީ ހޯމޯނަށް އަންނަ ބަދަލު ތަކެވެ. ކާ އެއްޗަކުން ނުވަތަ ބޭނުން ކުރާ އެއްޗަކުން އެލާޖީ އެއް ވެދާނެތީ އެވެ. ނޫނީ ކާއެއްޗަކުން ބަނޑުގައި އޮންނަ ދަރިފުޅަށް ގޮތެއް ވެދާނެތީ އެވެ. މިއީ ހާއްސަކޮށް އަލަށް މަންމައަކާވާ ފަރާތްތަކުގެ ހިތުގައި އަބަދުވެސް އޮންނަ ބިރުވެރި ކަމެވެ.
ހާސްވާނެ ކަމެއް ނެތެވެ. ފަހުގެ ރިސާޗުތައް ބުނާގޮތުން މާބަނޑު ދުވަސްވަރު ނުވަތަ ދަރިފުޅަށް ގާތުންދޭއިރު، މައިމީހާ މަހުގެ ބާވަތްތައް ބޭނުން ކުރާނަމަ ކުޑަ ދަރިފުޅު ފުޑް އެލާޖީތަކާ ދުރުވެ އެވެ. އެގޮތުން ނޭވާ ހިއްލުމާއި ތުއްތު އިރު ހަންގަނޑަށް ދިމާވާ ތަފާތު ބަލިތަކުން ދުރުކޮށްދެ އެވެ.
ސްވިޑެންގެ ޗާމާސް ޔުނިވަސިޓީ އޮފް ޓެކްނޮލަޖީގެ ރިސާޗަރުންގެ ޓީމަކުން ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވާ ގޮތުން، ތުއްތު ކުއްޖާ އަށް ކާންދޭއިރު، ހާއްސަކޮށް ކުއްޖާއަށް ކާންދޭން ފަށާތާ 11 މަސް ވުމުގެ ކުރިން ކުކުޅު ބިހާއި މަސް ކާން ދޭނަމަ ކުއްޖާ ހެދި ބޮޑުވާއިރު ދިމާވާ ތަފާތު އެލާޖީތަކާ ދުރުކޮށްދެ އެވެ.
އެ ރިސާޗު ބުނެފައިވާ ގޮތުން ކުޑަކުދިންގެ ތެރެއިން ކެެއުމުގައި ބިހާއި މަހުގެ ބާވަތްތަކުގެ އިތުރުން ފުށުގެ ކާނާ ބޭނުން ކުރާ ކުދިން އެލާޖީތައް ވުމާއި ދުރެވެ އެވެ. އޭގެ ސަބަބެއް ކަމަށް ވަނީ އެކާނާއަކީ އޮމެގާ3 ވަރަށް ބޮޑަށް ހިމެނޭ ކާނާއަށް ވުމެވެ.
ރިސާޗުން ދައްކާ ގޮތުން ވިހެއުމާއި ހަމައިން އުމުރުން ހަތަރު މަސް ވަންދެން ސިއްހަތު ރަނގަޅު ކުދިންގެ ހަށިގަނޑުގެ ލޭ ގައި އޮމެގާ3 ފެޓީ އެސިޑް ގިނައިން ހިމެނެ އެވެ.
"ބަނޑު ބޮޑުއިރު ގިނައިން މަސް ކާ މަންމައިން، ވިހާ ކުދިންގެ ލޭ ގައި އޮމެގާ3 ފެޓީ އެސިޑް ގިނައިން ހިމެނޭ ކަން ފާހަގަވެފައިވެ އެވެ. އަދި ގާތުން ދޭއިރު އެފަދަ މަންމައިންގެ ހަށިގަނޑުން ކުއްޖާ އަށް އޮމެގާ3 ފެޓީ އެސިޑް ލިބޭ އެވެ." ސްވިޑެންގެ ޗާމާސް ޔުނިވަސިޓީ އޮފް ޓެކްނޮލަޖީގެ ރިސާޗަރުންގެ ޓީމަކުން ކޮށްފައިވާ އެ ދިރާސާގައި ބުނެފައި ވެއެވެ.