އަންހެނުން

ގާތުން ދިނުން ބައެއް މައިންނަށް ފަސޭހައެއް ނޫން!

ތުއްތު ދަރިފުޅު ދުނިޔެއަށް ނޭވާލާ ހިސާބުން ފެށިގެން ގާތުން ކުއްޖާއަށް ކިރު ދިނުމަކީ ކުއްޖާގެ ދިފާއީ ބާރު ވަރުގަދަ ކޮށްދޭ ކަމެއް ކަމަށް އެންމެން ވެސް އެއްބަސް ވެއެވެ. އެހެންކަމުން އަލަށް މަންމައަކަށްވާ ކޮންމެ މަންމައެއްގެ ވެސް އެންމެ ބޮޑު އުއްމީދަކީ ކުއްޖާއަށް ހަމަސް ވަންދެން ގާތުން ދިނުމެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ މަންމައަކަށް ފަސޭހަ ކަމަކަށް ނުވެ އެވެ.

"އަހަރެންނަކީ ކުޑަކުދިންގެ ޑޮކްޓަރެއް. އަހަރެން ކައިރި އަށް އަންނަ މަންމައިންނަށް ގާތުން ދޭނެ ގޮތް އަހަރެން ކިޔައިދެން. އެކަމަކު އަހަރެންގެ ދަރިފުޅަށް ފުރަތަމަ ދެ ހަފްތާގައި ގާތުން ދިނުންވީ ވަރަށް ބޮޑު ކަމަކަށް،" އިންޓަނޭޝަނަލް ސެޓިފައިޑް ބްރެސްޓްފީޑިން އެންޑް ލެކްޓޭޝަން ކައުންސެލަ (އައިސީބީއެލްސީ) ގައި ވެސް މަސައްކަތް ކުރައްވާ ފިލިޕީންސްގެ ޕެޑިޓެރިކް ސޮސައިޓީގެ މެމްބަރު ޑރ.ޖެމީ އިސިޕް ކަމްޕަސް ވިދާޅުވި އެވެ.

ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން މީހާގެ ސިކުނޑި އެކަމަކަށް ތައްޔާރުވާންޖެހޭ ފަދައިން ކުއްޖާއަށް ގާތުން ކިރު ދިނުމަށް ވެސް، ހާއްސަކޮށް އަލައް މަންމައިންނަށްވާ ފަރާތްތަކުން ތައްޔާރުވާން ޖެހެ އެވެ. އޭރުން އެހީތެރިއަކާ އެކު ދަރިފުޅަށް ގާތުން ދޭން ފަސޭހަ ވާނެ އެވެ.

ގާތުން ދިނުމުގެ ފައިދާ

ކުއްޖާގެ ދިފާއީ ބާރު ވަރުގަދަ ކޮށްދިނުން: ކުއްޖާވިހާ ވަގުތުން ފެށިގެން ސައުވީސްގަޑިއިރު ތެރޭ ކުއްޖާއަށް ގާތުންދޭން ޖެހެ އެވެ. އަދި އެވަގުތު މައިމީހާގެ ގާތުންދޭ ކިރަކީ ދަރިފުޅު ރައްކާތެރިކޮށްދޭ ފުރަތަމަ އަދި އެންމެ މުހިންމު ކާނާ އެވެ. އެގޮތުން ފުރަތަމަ ތިން ހަފްތާ އާއި ފަސް ހަފްތާ އާއި ދޭތެރޭ އުފެދޭ ރީނދޫ ކުލައިގެ ކިރު (ކޮލަސްޓްރަމް) ގައި ކުއްޖާގެ ހަށިގަނޑު އެންމެހާ ބަލިތަކުން ރައްކާތެރިކޮށްދޭ ބައިތައް ހިމެނެ އެވެ.

ހަޖަމު ކުރަން ފަސޭހަވުން: ފޯމިއުލާ ދޭ ކުދިންނާއި ހިލާފަށް މައިމީހާގެ ގާތުންދޭ ކުދިން ބޮޑުކަމުދާން ފަސޭހަވެފައި ބޮޑުކަމުދާވަރު ވެސް އިތުރުވާނެ އެވެ. ސަބަބަކށް ވަނީ ގާތުންދޭ ކިރު ހަޖަމު ކުރަން ފަސޭހަވުމެވެ. ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުން ގާތުން ކިރުބޯ ކުދިން ކިރު ދިނުމާއެކު ބޮޑު ކަމުދެ އެވެ. އެއީ އެކުދިންގެ ހަޖަމުގެ ނިޒާމު ރަނގަޅުކަން އަންގައިދޭ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. ނަމަވެސް މިއާ ހިލާފަށް ފޯމިއުލާ ދޭކުދިންގެ ބަނޑު ހަރުވެ ބޮޑުކަމުދާން އުނދަގޫވެ އެވެ.

ކުއްޖާގެ ސިކުނޑި ރަނގަޅަށް ހެދިބޮޑުވުން: ތޫނު ފިލިކަމަކީ ޖެނެޓިކް ކަމެއް ނަމަވެސް މައިމީހާގެ ގާތުންދޭ ކުދިންގެ ވިސްނުން ފޯމިއުލާ ދޭ ކުދިންނާ ތަފާތު ވާނެ ކަމަށް ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޖެމީ އިސިޕް ކަމްޕަސް ވިދާޅުވެ އެވެ.

އެގޮތުން ގާތުންދޭ ކުދިންގެ ވިސްނުން ތޫނުވެ، އަމިއްލައަށް ކަންތައްތައް ދަސްކުރާ މިންވަރު އަވަސްވާނެ އެވެ. އަދި އެކުދިންގެ އުމުރުން ތިން އަހަރު ތެރޭ މީހުންދައްކާ ވާހަކަ ރަނގަޅަށް ދަސްވެ އެވެ.