އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަނަށް ވުރެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު މަތިވެއްޖެ ކަމަށް އެންމެ ފަހުގެ ތަފާތު ހިސާބު ތަކުން ދައްކައިފި އެވެ.
ވޮޝިންޓަންޕޯސްޓާއި އޭބީސީ ނިއުސް ގުޅިގެން ނަގަމުންދާ ހިޔާލު ހޯދުމުގެ ވޯޓްތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައި ޓްރަމްޕް އުޅުއްވަނީ ހިލަރީއަށް ވުރެ އެއް ޕޮއިންޓް ކުރީ ގައެވެ.
އަދި ހިލަރީގެ ތާއީދު ދަށްވެ ހަތް ޕޮއިންޓް ފަހަތަށް ވެއްޓުނު ކަމަށްވެސް ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކައެވެ.
ޓްރަމްޕަށް 46 ޕަސަންޓްގެ ތާއީދު އޮތް އިރު ހިލަރީ އަށް އޮތީ 45 ޕަސަންޓް މީހުންގެ ތާއީދެވެ. މިއިީ މިއަހަރުގެ މެއި މަހުން ފެށިގެން ހިލަރީއަށް ވުރެ މައްޗަށް ޓްރަމްޕްގެ ތާއީދު އިތުރުވި ފުރަތަމަ ފަހަރެވެ.
މި ވޯޓް ނެގިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ޕޯލްނެގުމުގައި އިސްކޮށް ހަރާކާތްތެރިވާ ގެރީ ލިންގާ ވިދާޅުވީ ހިލަރީގެ ތާއީދު ދަށަށް ދިޔައީ އޭނާ އެމެރިކާގެ ހާރިޖީ ވަޒިރު ކަމުގައި ހުންނެވިއިރު ރަސްމީ ބޭނުންތަކަށް އޭނާގެ އަމިއްލަ އީމެއިލް ބޭނުން ކުރައްވާފައިވާ މައްސަލަ މިފަހުން އެފްބީއައި އިން ފެންމަތި ކުރުމުން ކަމަށެވެ.
"އެހެން ނަމަވެސް ދެ ކެނޑިޑޭޓުންގެ ފަރަގު މިވަނީ ބޮޑުވެފަ މިއީ އިތުރަށް ވާދަވެރި ވަނެ ކަމެއް،" ލިންގަޑް ވިދާޅުވިއެވެ.