ބޮލީވުޑް

ރަންވީރާއި ދިޕިކާ "ޕަދްމާވަތީ" ގެ ޝޫޓިން ފަށައިފި

Nov 3, 2016

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ތާރީހީ ލޯބީގެ ވާހަކައެއްގެ މައްްޗަށް އުފައްދާ ފިލްމު "ޕަދްމާވަތީ" ގެ ޝޫޓިން އަންގާރަ ދުވަހު ފަށައިފި އެވެ.

މިމަހުގެ އެއްވަނަ ދުވަހު މުމްބައިގެ ފިލްމު ސިޓީގައި މިފިލްމުގެ ޝޫޓިން ފަށާފައިވަނީ ލީޑްރޯލުން ފެނިގެންދާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން އާއެކު އެވެ.

ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ ރާނީ ޕަދްމިނީ (ޗިތޯރްގެ ކިންގް ރަތަންސޭން ގެ އަނބިކަނބަލުން) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މިފިލްމުގެ ޝޫޓިން ފެށުނުކަން ބަންސާލީ ޕްރޮޑަކްޝަންގެ ސީއީއޯ ޝޮބާ ސާންތް ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެެވެ. އަދި ރަންވީރު ވެސް ވަނީ މިފިލްމުގެ ކޮސްޓިއުމް ޑިޒައިނަރުގެ އުފަަންދުވަސް ފިލްމުގެ ސެޓުގައި ފާހަގަކުރި ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.

އެކި ސަބަބުތަކާ ހުރެ ޝޫޓިން ނުފެށި ލަސްވެފައި އޮތް މިފިލްމުގެ ޝޫޓިން ފަށާފައިމިވަނީ ކުރިން މިފިލްމު ޕްރޮޑިއުސްކުރަން ނިންމާފައި އޮތް ކުންފުނިން މިފިލްމުގެ ބަޖެޓް މާބޮޑު ކަމަށް ބުނެ ފިލްމު ދޫކޮށްލުމުން ވިއަކޮމް 18 އިން މިފިލްމުގެ ޕްރޮޑިއުސްކުރަން ނިންމުމުންނެވެ.

އެންމެ އަގުބޮޑު ހަނގުރާމައިގެ މަންޒަރުވެސް ހިމަނައިގެން އުފައްދާ މިފިލްމަކީ 150 ކްރޯޑުގެ ބޮޑު ބަޖެޓަކުން އުދައްދާ ފިލްމެކެވެ.

މިފިލްމުގައި ދިޕިކާ ރާނީ ޕަދްމިނީގެ ރޯލުކުޅޭއިރު، އޭނާގެ ފިރިމީހާގެ ރޯލު ކުޅެނީ ޝާހިދެވެ. އަދި ރާނީ ޕަދްމިނީއާ ހެދި މޮޔަވެފައި ހުންނަ އަލާއުއްދީން ކިލްޖީގެ ރޯލުން ފެނިގެންދާނީ ރަންވީރެވެ.

ބަންސާލީގެ އެންމެ ފެވަރި ދެތަރިން ކަމަށްވާ ރަންވީރާއި ދިޕިކާ ހިމަނައިގެން އުފައްދާ "ޕަދްމާވަތީ" އަކީ މިދެތަރިންނާއެކު ބަންސާލީ އުފައްދާ ތިން ވަނަ ފިލްމެވެ. މީގެކުރިން ބަންސާލީ ވަނީ މިދެތަރިން ހިމަނައިގެން ތާރީހީ ލޯބިގެ ދެފިލްމެއް ކަމަށްވާ "ގޯލިއޯންކީ ރާސްލީލާ ރާމްލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އުފައްދާފަ އެވެ.

"ޕަދްމާވަތީ" އަކީ ބަންސާލީގެ އުފައްދާ ފިލްމެއްގައި ޝާހިދު ކުޅޭ ފުރަތަމަ ފިލްމެވެ.