ނަސްރުގެ ދުވަސް

ރާއްޖޭގެ މިނިވަން ކަމަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވެ ތިބެން ރައީސް ގޮވާލައްވައިފި

Nov 2, 2016
2

ރާއްޖޭގެ މިނިވަން ކަމާއި ސުލްހަ މަސްލަހަތަށް ނުރައްކަލެއް މެދުވެރިވެރި ކުރަން އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ހަމަލާއަކުން ގައުމު ދިފާއުކުރަން މަސައްކަތެއް ކުރުމުގެ އަޒުމުގައި ސާބިތުވެ ތިބެން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން އާންމު ކުރެއްވި ހިތޯބެއްގައި ވިދާޅުވީ ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ލިބި، އެއްބައިވަންތަކަމާއި އެކުވެރިކަންމަތީގައި ތިބެން އެދި ވަޑަގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާން އާކުރާއިރު، ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން އެ ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި، ރާއްޖޭގެ ހާއިނުންގެ ބަޔަކު ބައިވެރިވެފައިވާ ކަމަށާއި އޭރުވެސް އަދި މިހާރު ވެސް ރާއްޖޭގައި މަދުންނަމަވެސް އެފަދަ ބަޔަކު އުޅޭ ކަމާމެދަކު އެއްވެސް ޝައްކެއްނެތް ކަމަށާއި އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

ނޮވެންބަރު 3 ގައި މާތްވެގެންވާ އިސްލާމްދީނާއި، ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި، ދިވެހި ސިފައިންނާއި ރައްޔިތުން ވި ގުރްބާނީއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ އިބްރަތްތަކެއް ހާސިލުކުރަންޖެހޭ ހާދިސާއެއް ކަމަށެވެ.

"... ޤައުމުގެ މިއަދުގެ ޒުވާނުންނާއި، މާދަމާގެ ޒުވާނުން، މި ލޮބުވެތި ގައުމަށްޓަކައި މަތިވެރި އަޒުމްތަކެއް ކަނޑައަޅައި، މި ލޮބުވެތި ގައުމު، މިނިވަން ގައުމެއްގެ ގޮތުގައި އަންނަންއޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ، މިއަދު އަޅުގަނޑުމެންގެ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަތިވެރި ޒިންމާއެކެވެ. މިކަން ހާސިލުކުރެވޭނީ، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، އެ މަތިވެރި އަޒުމުގައި ސާބިތުވެ ތިބެގެންނެވެ."

އަދި ވިދާޅުވި އެވެ: "މި ލޮބުވެތި ގައުމުގެ މިނިވަންކަމާއި ޞުލްޙަމަޞްލަޙަތަށް ނުރައްކާތެރިކަމެއް މެދުވެރިވުމަށް، އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ޙަމަލާއަކުން މި ޤައުމު ދިފާއުކުރެއްވުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގެ މަތިވެރި އަޒުމުގައި ސާބިތުވެ ތިއްބެވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،"

ރައީސް ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި، ނުރައްކާތެރި އުދުވާނީ ޙަމަލާގެ ބިރުވެރިކަމުގެ ހަނދާންތަކާއި، އެދުވަހު ރާއްޖެއަށް ލިބުނު ނަސްރާއި މަތިވެރި ކާމިޔާބީގެ ޒިކުރާ ފާހަގަކުރުމުގެ ގޮތުން ކަމަށާއި އެދުވަހުގެ އެ ނުރައްކާތެރި ބިރުވެރި ހާދިސާއަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެންދާނެ ހާދިސާއެއް ނޫން ކަމަށެވެ.

އަދި ވިދާޅުވީ އެ ދުވަހު މާއްދީ ގޮތުން ލިބުނު ގެއްލުންތަކުގެ އިތުރުން އަގު ވަޒަން ނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށާއި ގިނަބަޔަކަށް ނަފްސާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އޭގެ ސަބަބުން އެދުވަހުގެ ބިރުވެރި ހަނދާންތައް، މިއަދުވެސް ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ކަމަށެވެ.

"...މިފަދަ ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތުގައި މި ލޮބުވެތި ގައުމުގެ ދިފާއުގައި ނުކުމެވަޑައިގެން، 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި މަތިވެރި އަބްތޯލުންގެ ހަނދާންތައް މިއަދުވެސް އަޅުގަނޑު އާކުރަމެވެ. އަދި އެހުރިހާ އަބްތޯލުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޒުރަތުގައި ދުޢާ ދަންނަވަމެވެ. ހަމައެހެންމެ، އެދުވަހު ރާއްޖެ ދިފާޢު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި، ސިފައިންގެ އެންމެމަތީ ވެރިންނާއި، އެކަމުގައި ޙަރަކާތްތެރިވި އެންމެހައި ސިފައިންނާއި، ޢާންމު ރައްޔިތުން ކުރެއްވި މިންނެތް މަސައްކަތް މިއަދުވެސް އަޅުގަނޑުގެ ހަނދާނަށް ގެންނަމެވެ." ރައީސްގެ ހިތޯބުފގައި ވެއެވެ.