ދުނިޔެ

އިނގިރޭސި ހައިކޯޓްގެ ނިންމުން: މަޖިލީހުން ފާސް ނުކޮށް އީޔޫއިން ވަކި ނުވެވޭނެ

Nov 3, 2016
2

އިނގިރޭސި ވިލާތުގެ ރައްޔިތުން މަޖިލީހުން ފާސް ނުކޮށް އެގައުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކި ނުވެވޭނެ ކަމަށް އިނގިރޭސީ ހައިކޯޓުން ހުކްމްކޮށްފި އެވެ.

އިނގިރޭސި ހައި ކޯޓުގެ އިސް ތިން ފަނޑިޔާރަކު މިއަދު ނެރުނު ހުކުމްގައި ބުނެފައިވަނީ "އީޔޫއިން ވަކިވުމުގެ މަސައްކަތް އިނގިރޭސި ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރު ނުވަތަ ސަރުކާރަށް ނުކުރެވޭނެ" ކަމަށެވެ. އަދި އެކަން ކުރުމުގައި އިނގިރޭސި ގާނޫނު ހަދާ މަޖީލީހުން ފާސް ކުރަން ޖެހޭނެ ކަމަށް ހައި ކޯޓްގެ ހުކުމްގައި ބުނެފައިވެ އެވެ.

މިއަހަރު ޖޫން މަހު އިނގިރޭސި ވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓްގައި އެގަުމުގެ ރައްޔިތުން ނިންމާފައިވަނީ އީޔޫއިން ވަކިވުމަށް ފެންނަ ކަމަށެވެ.

އިނގިރޭސި ރައްޔިތުން އެގޮތަށް ނިންމުމުން އޭރު އިނގިރޭސި ބޮޑުވަޒީރަކަށް ހުންނެވި ޑޭވިޑް ކެމަރަން ވަނި އީޔޫއިން ވަކިވުމުގެ މަސައްކަތް އޭނާ ކުރައްވަން ބޭނުން ނުވާކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެއަށްފަހު ބޮޑުވަޒީރަކަށް ވެވަޑައިގެންނެވި ޓެރީސާ މޭ ވިދާޅުވެފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ނިންމާފައިވުމުން އޭނާ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި މިދިޔަ މަހު، މޭ ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ މުައްދަތަށް ވުރެ އަވަހަށް އިނގިރޭސި ވިލާތް އީޔޫއިން ވަކިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މާޗް މަހުގެ 31 ގެ ކުރިން އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމުގެ މަރުހަލާތައް ފުރިހަމަ ކުރައްވާނެ ކަމަށް އޭނާ ވިދަޅުވެފައިވެ އެވެ.

ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގައި ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ އީޔޫގެ މެންބަރު ގައުމަކުން އިޔޫގެ މެންބަރު ކަމުން ވަކިވާނީ އީޔޫއިން ވަކިވުމަށް ނިންމާތާ ދެ އަހަރު ދުވަހުގެ ފަހުން ކަމަށެވެ. މިއަދު ހައިކޯޓުން ކުރި ހުކުމާ ގުޅިގެން އިނގިރޭސި ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ހައި ކޯޓްގެ ހުކުމް އިސްތިއުނާފް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.