ބޮލީވުޑް

"ރައީސް" ގެ ޓްރެއިލާ ޝާހްރުކްގެ އުފަންދުވަހު ރިލީޒް ނުކުރޭ

Nov 4, 2016

ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" ގެ ޓްރެއިލާ އޭނާގެ 51 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް މިފިލްމުގެ ޓްރެއިލާ އެދުވަހު ރިލީޒް ނުކުރެ އެވެ.

ބުދަ ދުވަހު 51 ވަނަ އުފަންދުވަސް ފާހަގަކުރި ޝާހްރުކްގެ އުފަންދުވަހަށް އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އައީ ކުރިއަށް އޭނާގެ ރިލިޒްވުމަށް ހަމަޖެހިފައި އޮތް "ރައީސް" ގެ ޓްރެިއލާ އެދުވަހު ރިލީޒްކުރާނެ ކަމަށް ބުނެފައިވާތީ އެވެ.

މީގެކުރިން މީޑިއާތަކާއެކު އޭނާ އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކުރި ނަމަވެސް މިއަހަރު އުފަންދުވަސް ފާހަގަކޮށްފައިވަނީ އާއިލާ އާއި ގާތްއެކުވެރިންނާއެކު އަލީބާގްގަ އެވެ.

މީގެކުރިން އަހަރުތަކުގައި ޝާހްރުކްގެ ކުރިއަށް ރިލީޒްވާން ހުންނަ ފިލްމެއްގެ ޓްރެއިލާ އޭނާ އުފަންދުވަސް ފާހަގަކުރަން ބާއްވާ ކުލަގަދަ ހަފްލާގައި ރިލީޒްކުރާއިރު އަންނަ ޖެނުއަރީގައި ރިލީޒްކުރާ "ރައީސް" ގެ ޓްރެއިލާ ޝާހްރުކްގެ އުފަންދުވަހު ރިލީޒްކުރާ ގޮތަށް ނިންމާފައި އޮތް ނަމަވެސް އެންމެފަހު ވަގުތު ވަނީ އެފިލްމުގެ ޓްރެއިލާ އެދުވަހު ރިލީޒްނުކުރާ ގޮތަށް ނިންމާފަ އެވެ.

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމްގެ "ކާބިލް" އާއެކު އެއްދުވަހެއްގައި ރިލީޒްކުރާ މިފިލްމުގެ ޓްރެއިލާ ޝާހްރުކްގެ އުފަންދުވަހު ރިލީޒްނުކުރީ "ކާބިލް" ގެ ޓްރެއިލާ މިދިޔަ ހަފްތާގެ ތެރޭގައި ރިލީޒްކޮށްފައިވާތީ އެވެ.

"ރައީސް" އާއެކު ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުކަމަށްދާ ފިލްމެއްގެ ޓްރެއިލާ ރިލީޒްކުރި ދުވަސްކޮޅާ ކައިރިކޮށް ރިލީޒްކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މިފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފަރްހާން އަހްތަރާއި ރިތޭޝް ސިދްވާނީ އަށް ގަބޫލުކުރެވުމުން ވަނީ ފަހުން ޓްރެއިލާ ރިލީޒްކުރާ ގޮތަށް ނިންމާފަ އެވެ.

"ކާބިލް" ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިފިލްމަކީ އެކްޝަން މަންޒަރުތައް ގިނަ ތްރިލާ އެކެވެ.

"ރައީސް" އާ ގާތްފަރާތަކުން ބުނެފައިވާ ގޮތުގައި ޓްރެއިލާ ރިލީޒްކުރާ ދުވަސް ލަސްކުރީ "ކާބިލް" ގެ ޓްރެއިލާ އާއި އެފިލްމާ އަޅާ ކިޔުންތައް މަދުކުރަން ބޭނުންވާތީ އެވެ.

ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ބަތަލާގެ ރޯލުން ފެނިގެންދާ މިފިލްމުގެ ބައެއް މަންޒަރުތައް އަދި ނަގާ ނުނިމޭއިރު، އިންޑިއާއިން ޕާކިސްތާނުގެ ތަރިން ބޭރުކޮށްފައިވާތީ މިފިލްމުގެ ނުނިމި ހުރި މަންޒަރުތައް ސިއްރު ތަނެއްގައި ނަގާ ގޮތަށް ނިންމާފައިވާ ކަމަށްވެ އެވެ.

ނަވާޒުއްދީން ސިއްދީގީ މުހިންމު ރޯލަކުން ފެނިގެންދާ މިފިލްމުގައި ޝާހްރުކްގެ ފެނިގެންދަނީ ނުބައިބައި މީހެއްގެ ރޯލުންނެވެ.

"ކާބިލް" އާއި މފިލްމުގެ ކުރިމަތިލުމަކަށް ދާތީ ޝާހްރުކާއި ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ރިތިކްގެ ފިލްމު ރިލީޒްކުރާ ދުވަސް ލަސްކުރޭތޯ އެފިލްމުގެ ޕްރޮޑިއުސަރު ރާކޭޝް ރޯޝަނާއި ވާހަކަދައްކާފަ އެވެ. ނަމަވެސް އެފިލްމުން ތިބީ ޝާހްރުކްގެ ފިލްމަށް ދޫދޭގޮތަކަށް ނޫނެވެ.

ކުރިން "ރައީސް" ރިލީޒްކުރާ ގޮތަށް އޮތީ މިއަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި ސަލްމާން ޚާންގެ "ސުލްތާން" އާއެކު އެވެ. ނަމަވެސް އެފިލްމާއެކު ކުރިމަތިލުމަކަށް ނުދާން ވެގެން އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ރިލީޒްކުރާ ގޮތަށް ލަސްކުރުމުން ވެސް މިފިލްމު ޖެހެނީ އެހެން ފިލްމަކާ ކުރިމަތިލާށެވެ.