ފިނިޕޭޖް

ޝަލަބީގެ އެހީއާ އެކު ނަބީހުގެ ފުރަތަމަ މަދަހަ އަލްބަމް ނެރެފި

އަހުމަދު ނަބީހު އޭ ބުނީމަ ނޭނގިދާނެ އެވެ. އެކަމަކު ވަރަށް ރީތިކޮށް ޤުުރުއާން ކިޔަވާ އަދި ލަވަވެސް ކިޔާ އޯޓިޒަމް ކުއްޖަކުގެ ވާހަކަ ނޭނގޭ މީހަކު މަދުވާނެ އެވެ. ނަބީހު ބައިވެރިވި ގިނަ މުބާރާތްތަކަކުން ރަން ވަނަތަކެއް ހާސިލުކޮށްފަވެ އެވެ. ޤުރުއާން މުބާރާތެއް ވިޔަސް މަދަހަ ނޫނީ ލަވަ މުބާރާތެއްގައި ވެސް ނަބީހުގެ ނަން ލިޔެވިގެން ދަނީ ރަން އަކުރުންނެވެ. ވަރަށް ގިނަ ހުވަފެންތަކެއް ދެކެމުން އަދި ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ކުއްޖެކެވެ. ހިތްވަރުގަދަ ކެތްތެރި މަންމަ އަކާއި ބައްޕައެއްގެ ދަރިފުޅެކެވެ.

ނަބީހު ރޭ މިވަނީ ނަބީހުގެ އެއް ހުވަފެނުގައި ކުލަޖައްސާ ހުވަފެން ހަގީގަތަކަށް ހަދާފަ އެވެ. އެއީ ނަބީހުގެ އަމިއްލަ އަޑުން "އަޅުގަނޑުގެ މި ދަތުރު" ގެ ނަމުގައި މަދަހަ އަލްބަމެއް ނެރެފަ އެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އަލްބަމް ނެރެދެއްވާފައިވަނީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ދުންޔާ ވަނީ ނަބީހުގެ އާއިލާއިން ކުރާ މަސައްކަތް ފާހަގަކޮށް ތައުރީފްކޮށްފަ އެވެ. އޯޓިޒަމް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް މުޖުމަތަކަށް ބަލައިގަންނަން ޖެހޭނެ ކަމަށާއި އެފަދަ ކުދިން ގެންގުޅޭ ބެލެނިވެރިންނަށްވެސް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ނަބީހު އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ފަސް ދަރިންގެ ތެރެއިން ތިންވަނަ ދަރިފުޅެވެ. ނަބީހުގެ އިތުުރުން އޭނާގެ ދެ ފިރިހެން ކޮއްކޮ އަކީވެސް އޯޓިޒަމް ދެކުދިންނެވެ.

ނަބީހު އޭނާގެ މި ހުވަފެން ހާސިލްކޮށްފައިވަނީ އެތައް ބައެއްގެ އެހީތެރިކަމާއެކީގަ އެވެ. ޝަލަބީ އިބްރާހިމް އަދި ސްޕީޗް ތެރޕިސްޓް ފަރުޒާނާ ޝައުގީގެ އާއިލާ އެވެ. ނަބީހުގެ އެއް ހުވަފެން ހަގީގަތަކަށް ހެދިއިރު ނަބީހުވަނީ އިތުރު ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފަށާފަ އެވެ.

ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގެ މަސައްކަތް ނަބީހު މިވަނީ ފަށާފަ އެވެ. މިއީ ނަބީހުގެ މަންމަ އާއި ބައްޕަގެވެސް ހުވަފެނެކެވެ. ނަބީހުއަކީ ޤުރުއާން ހިތުދަސް ހާފިޒް އަކަށް ހެދުމުގެ އިތުރުން މިސްކިތު މުދިމަކަށް ހެދުމަކީވެސް އެދެމަފިރިން ދެކެމުން އަންނަ ހުވަފެނެކެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށް އުމުރުން ދެ އަހަރުން ފެށިގެން ނަބީހު ދަނީ ޤުުރުއާން ކްލާސްތަކަށް ފޮނުވަމުންނެވެ. ޤުރުއާނުގެ ބޮޑު ބައެއް މިހާރުވެސް ވަނީ ހިތުދަސްކޮށްފަ އެވެ.އަދި މީގެއިތުރުން ނަބީހު ދަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުން އޯ ލެވެލް އިމްތިހާނު ކާމިޔާބު ކުުރުމަށްވެސް މަސައްކަތް ފަށާފަ އެވެ.