ހަބަރު

ރޭގެ ޕީޕީއެމް ޖަލްސާ ފެނިފައި ވަރަށް އުފާވެއްޖެ: ނަޝީދު

Nov 5, 2016
4

ރޭ ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި "އަސްލު" ޖަލްސާ ފެނިފައި އުފާވި ކަމަށް، އިނގިރޭސިވިލާތުގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭގެ ޖަލްސާއަށް މީހުން އެއްކުރީ ފައިސާދީ ބިރުދައްކައި މަޖުބޫރުކޮށްގެން ކަމަށް ބުނެ އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދަނިކޮށް ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއިން ސާބިތުވި އެއްކަމަކީ ރާއްޖެ ކުރިއަރައި ގޮސް ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވާނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން ކަމަށެވެ.

"ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ޖަލްސާ ފެނި ވަރަށް އުފާވޭ،" ގާތްގަނޑަކަށް 12،000 މީހުން ބައިވެރިވި ކަމަށް ބެލެވޭ އެ ޖަލްސާއާ ގުޅޭ ގޮތުން ނަޝީދު ޓްވީޓް ކުރެއްވި އެވެ.

ނަޝީދު އެހެން ޓްވީޓް ކުރެއްވި އިރު، އިދިކޮޅު އިއްތިހާދުގެ ލީޑަރު، މުހައްމަދު ޖަލީމް އަހުމަދު ވިދާޅުވީ ރޭގެ ޖަލްސާ އިން ފެނުނީ، ވެރިކަން ކޮރަޕްޓްވެ ހާލުގައި ޖެހިފައި އޮތް މަންޒަރު ކަމަށެވެ. ރައްޔިތުން ދެކެން ބޭނުންވި މޫނެއް އަދި އަޑެއް ވެސް ރޭހެ ޖަލްސާ އިން ނުއިވުނު ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ފައްޓަވާފައިވާ، ޕީޕީއެމްގެ ރައީސް މައުމޫން ވެސް މިއަދު ޓްވީޓް ކުރައްވައި ވިދާޅުވީ މަޖުބޫރު ވެގެން ނަމަވެސް ރޭގެ ޖަލްސާއަށް ދިޔަ ޕީޕީއެމްގެ ސަޕޯޓަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. މައުމޫން ވަނީ އެ ރެލީއަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ އެސްޖީ ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޖަލްސާއަށް އަންނަން އެކި ފަރާތްތަކަށް ދައުވަތު ދިން ނަމަވެސް އެއްވެސް ބަޔަކު ޖަލްސާއަށް އަންނަން މަޖުބޫރު ނުކުރާ ކަމަށެވެ. އަދި އެފަދަ މަޖުބޫރު ކަމެއް އޮތް ނަމަ އަދި އެގޮތަށް ގަބޫލު ކުރެވޭ ނަމަ އެފަދަ ފަރާތްތަކުން ޖަލްސާއަށް ނައުމަށް ވެސް ޕީޕީއެމްގެ އެސްޖީ ވަނީ ގޮވާލައްވައިފަ އެވެ.

ރޭގެ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީޕީއެމްއަށް ތާއީދު ކުރައްވައި އެތައް ސަތޭކަ ބަޔަކު މާލެ އައިސް ޖަލްސާގައި ބައިވެރިވި އެވެ. ޕީޕީއެމް އިން ބުނަނީ މިއީ މިފަހަކަށް އައިސް ބޭއްވުނު އެންމެ ބޮޑު އެއް ސިޔާސީ ރެލީ ކަމަށެވެ. އެ ރެލީއަށް އަތޮޅުތަކުގެ އައި މީހުންގެ ދަތުރުފަތުރާއި ކެއުމާއި އަދި ހުރުމުގެ ކަންކަން ހަމަޖައްސައިދީފައި ވަނީ ދާއިރާއަކަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.

އެ ޖަލްސާގައި ރައީސް ޔާމީން އާއި އެހެނިހެން ވެސް ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ޕާޓީއަށް ހިދުމަތް ކުރެއްވުމަށް މައުމޫން އެނބުރި ވަޑައިގަތުމަށާއި ގުޅިގެން ޕާޓީީގެ ހިންގުމަށް މައުމޫންއަށް ދައުވަތު ދެއްވައިފަ އެވެ. އަދި ރޭގެ ޖަލްސާގައި ޑީއާރުޕީ ވެސް ވަނީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައި އެކަން އިއުލާން ވެސް ކޮށްފަ އެވެ. އަދި އެކި ރަށްރަށުން ޕީޕީއެމްއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމްތައް ވެސް އެ ޖަލްސާގައި ވަނީ ހަވާލުކޮށްފަ އެވެ.