އިންޑިއާގެ ސިފައިންނަށް މިއަހަރުގެ ޖަނަވަރީ މަހު ދިން ހަމަލާ ރިޕޯޓް ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަމަށް ބުނެ، އެކަމަށް އަދަބު ދިނުމުގެ ގޮތުން އިންޑިއާގެ މަޝްހޫރު ނިއުސް ޗެނަލް އެންޑީޓީވީގެ ބްރޮޑްކާސްޓިން 24 ގަނޑިއަށް ހުއްޓާލުމަށް އިންޑިއާގެ އިންފޮމޭޝަން މިނިސްޓްރީ އިން އެ ޗެނަލަށް އަންގައިފި އެވެ.
ބްރޮޑްކާސްޓިން މިނިސްޓްރީން ބުނީ ޕާކިސްތާންގެ ޖާއީޝް މުހައްމަދުގެ ނަމުގައި ހަރަކާތްތެރިވާ ގުރޫޕަކުން ދިން ހަމަލާއަށްފަހު ސްޓްރެޓެޖިކް ގޮތުން ނާޒުކް މައުލޫމާތުތަކެއް އެންޑީޓީވީއިން ރިޕޯޓް ކޮށްފައިވާކަން މައްސަލަ ބެލުމުން އެނގިފައިވާ ކަމަށެވެ.
އެ ހަމާލަގައި ސިފައިންގެ ހަތް މީހުންނާއި ހަނގުރަމަވެރިންގެ ހަތް މީހުން ވަނި މަރުވެފައެވެ. އޮފިޝަލަކު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ ރޭވުންތައް އެންޑީޓީވިއިން ރިޕޯޓްކޮށްފައިވާ ކަމަށާއި މިއީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ކަމަށެވެ.
މިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންޑީޓީވީގެ ބްރޮޑްކާސްޓް އަންނަ ބުދަ ދުވަހުން ފެށިގެން 24 ގަޑިއިރަށް ހުއްޓަލަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި ލިޔުމުން އެކަން އެ ޗެނަލަށް ވަނީ އަންގައިފަ އެވެ.
އެހެން ނަމަވެސް އެ ޗެނަލާ މެދު ކުރާ ތުހުމަތުތައް ވަނީ އެ ސްޓޭޝަނުން ދޮގު ކޮށްފަ އެވެ. އެންޑީޓީވީން ބުނީ އެދުވަހުގެ މައުލޫމާތުތައް އެންޑީޓީވީން ގެނެސްދީފައިވަނީ ވަކިކޮޅަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއެކު ކަމަށެވެ. އަދި މިފަދަ ބޮޑު ފިޔަވަޅެއް އަޅަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށާއި އެ ދުވަހުގެ ރިޕޯޓް ގެނެސްދިނީ ނޫސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.