ބޮލީވުޑް

12 އަހަރުވީ މާރާމާރީއެއްގައި އަދިތްޔަ ޕަންޗޯލީ ޖަލަށް

Nov 6, 2016

ނުބައިބައި ރޯލުތައް ކުޅެގެން ބެލުންތެރިންގެ ތެރޭގައި މަޝްހޫރުވެފައިވާ އަދިތްޔަ ޕަންޗޯލީ އަބަދުވެސް ނޫސްތަކުގެ ފަަލަ ސުރުހީތަކުން ޖާގަ ހޯދަނީ އޭނާ ކުރާ ކޮންމެވެސް ވިޔާނުދާ ކަންތައްތަކުގެ ސަބަބުންނެވެ.

ބޭރުތެރޭގައި އުޅޭއިރުވެސް އޭނާގެ ރުޅިގަނޑު އެކި މީހުންނަށް ބާލާކަމަށް މަޝްހޫރު އަދިތްޔަ ބަތަލާ ކަންގަނާ ރަނާވަތާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އޭނާ އަށް އަނިޔާކުރުން ކަމަށް ވިޔަސް އަދި ބަތަލާ ޕޫޖާ ބޭދީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އޭނާ ގެންގުޅުނު 15 އަހަރުގެ މެއިޑް ރޭޕްކުރުން ކަމަށްވިޔަސް އަދިތްޔަ އަކީ އޭނާގެ ނުބައި ވާހަކަތައް އަބަދުވެސް ދެކެވެމުން އަންނަ މީހެކެވެ.

ދެހާސް ފަސް ވަނަ އަހަރު އަދިތްޔަ މީހަކާ މާރީމާރީ ހިންގި ކަމުގެ ތުހުމަތުގައި ކުށް ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް 20،000 ރުޕީޒްއިން ޖޫރިމަނާ އިއްޔެ އަންދޭރީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އަދިތްޔަ އުޅެމުން އައި އެޕާޓްމަންޓްގެ ތިރީގައި އޮންނަ ޕާކިން ލޮޓްގައި އޭނާގެ ރައްޓެއްސެއްގެ ކާރު ޕާކްކޮށްފައިވަނިކޮށް އެކުާރުގެ ކުރިމައްޗަށް ވާގޮތަށް އެސޮސައިޓީގައި ދިރިއުޅެމުން އައި މީހަކު އޭނާގެ ކާރު ޕާކުކުރި މައްސަލައިގައި ދެމީހުންގެ ދޭތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން އަދިތްޔަ އެމީހާއާ މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ކުށްސާބިތުވާ ކަމަށް ނިންމައި ހުކުމް ކޮށްފައިވަނީ އެހާދިސާ ހިނގިތާ 12 އަހަރު ފަހުންނެވެ.

ކޯޓުން އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކުރުމުން އަދިތްޔަގެ ވަކީލުން އިސްތިއުނާފަށް ހުށަހެޅައި ވަނީ ފައިސާ ދައްކައިގެން ކަފާލާތުގެ ދަށުން އޭނާ ވަގުތީ ގޮތުން މިނިވަންކޮށްފަ އެވެ.

އޭނާ އަށް ކުރި ހުކުމާ ގުޅޭގޮތުން ބައެއް އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި އަދިތްޔަ ވަނީ މިއީ ވަރަށް ބޭއިންސާފުންކުރި ހުކުމެއް ކަމަށާއި އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅި މީހާ އަކީ އޭނާވެސް ދިރިއުޅުމުން އައި ސޮސައިޓީގައި ދިރިއުޅުނު މީހެއް ކަމަށާއި އޭނާއާ މާރީމާރީއެއް ނުހިންގާ ކަމަށް ބުނެފަ އެވެ.

އަދިތްޔަ އޭނާ އެއްވެސް ކުށެއް ނުކުރާ ކަމަށް ބުނި ނަމަވެސް އޭނާ މާރީމާރީ ހިންގި ކަމަށް ބުނާ މީހާ ވަނީ އޭނާއަށް އަދިތްޔަ ދިން ހަމަލާގައި ގައިގެ އެތައް ތަނެއް ފްރެކްޗާވެ ނޭފަތް ފަޅައިގެން ގޮސް ލޭވެސް ފޭބިކަމަށް ބުނެފަ އެވެ.

މިހާދިސާގެ ފަހުން 2013 ވަނަ އަހަރުވެސް އަދިތްޔަ ވަނީ އޭނާގެ އަވަށްޓެރިއަކަށް ހަމަލާދީފަ އެވެ. އެމައްސަލަވެސް ފުލުހަށް ހުށަހަޅާފައިވާއިރު 2015 ވަނަ އަހަރުގެ ތެރޭގައި ރާބޮއެގެން ކްލަބެއްގެ ތެރޭގައި ވެސް ވަނީ އެތަނުގައި ލަވަކުޅެމުން ދިޔަ ޑީޖޭ އަކާ މާރާމާރީ ހިންގާފަ އެވެ.