ހަބަރު

ބޭހަށް ދިޔައަސް އަޅުގަނޑު ބައްޔެއް ނޫން: ނަޝީދު

Nov 6, 2016
15

ބޭސްފަރުވާއަށް ކަމަށް ބުނެ އެމަނިކުފާނު އިނގިރޭސި ވިލާތަށް ސަރުކާރުން ފޮނުވާލީ ނުތެދުވެފޭ ފަދަ ބައްޔެއް ވެގެން ނޫންކަމަށާއި، ޖަލުގައި އިތުރަށް ބަހައްޓަން އުނދަގޫ ވެގެން ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދިނީ، މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ނަޝީދުގެ ވަކީލުންގެ ސަރުކާރުގައި އެދުމުންނެވެ. އަދި އެ އޮޕަރޭޝަން ވަގުތުން ނުކޮށްފިނަމަ އުނަގަނޑުން ތިރި ވާގި ނެތިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނުމުން ބޭރުގެ އެކި ޕްރެޝަރުތައް ވެސް ސަރުކާރަށް ކުރުމަތިވި އެވެ.

އެހެން ނަމަވެސް، އިނގިރޭސި ވިލާތުގައި މިހާރު ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު "މިނިވަން ރޭޑިއޯ" އަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނު އޭރު ވެސް ބަލި ނޫން ކަމަށެވެ. އަދި އަބަދުވެސް ބުރަކަށްޓެއްގައި ރިއްސާ ކަމަށާއި އެކަމަށް ފަރުވާ ހޯދަން އިނގިރޭސިވިލާތަށް ފޮނުވީ ސަރުކާރަށް އޭރު އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ. އިނގިރޭސިވިލާތަށް އައިސް ކޮންމެވެސް ވަރަކަށް ފަރުވާ ހޯއްދެވުމުން ބުރަކަށީގެ ރިހުމަށް ވެސް މިހާރު ރަނގަޅުވެފައިވާ ކަމަށާއި އާންމު ދިރިއުޅުމުގައި އުޅެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އުޅުނީކީ ނުތެދުވެވޭ ފަދަ ބަލިކަމަކު އެއް ނޫން. ދިވެހި ސަރުކާރަށް އުނދަގޫވީ އަޅުގަނޑު ޖަލުގައި ގެންގުޅެން. ރާއްޖޭގެ ރައްޔިތުންގެ ނުރުހުމާއި އިހްތިޖާޖު އިންތިހާއަށް ގޮއްސަ އޮތީ. ބޭރުގެ ފިއްތުންތައް ވެސް ބޮޑު ވެގެން ދިޔަ،" ނަޝީދު ވިދާޅުވި އެވެ.

"ދެން އެބޭފުޅުން ބޭނުންވީ ކޮންމެވެސް ހުއްޖަތެއް ނޫނީ ކޮންމެ ވެސް ބާވަތުގެ ވާހަކަ އެއްގެ ތެރެއިން، އެ ބޭފުޅުންގެ ގޮތް ބަލި ނުވާކަމަށް ދައްކަމުން އަދި އަޅުގަނޑަށް ވެސް ޖަލުން ނުކުމެވޭ ގޮތެއް ހޯދަން އަޅުގަނޑު ދެކޭ ގޮތުގަ މަޖުބޫރިވީ."

ނަޝީދު އިނގިރޭސިވިލާތަށް ބޭސްފަރުވާއަށް ދާން ހުއްދަދެއްވި ދެއްވުމާ ގުޅޭގޮތުން ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ ނަޝީދު ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ޑޮކްޓަރުން އެގޮތަށް ލަފާދެއްވާފައި ވާތީ އާއި އެމަނިކުފާނުގެ ވަކީލުން ވެސް ކެނޑިނޭޅި އެކަމަށް އެދެމުން ދާތީ ކުރީގެ ރައީސްއަކަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ދިނުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމް ކަމަކަށް ވާތީ ކަމަށެވެ. އަދި ބޭސްފަރުވާގެ ކަންކަން ނިމިގެން ނަޝީދު އެނބުރި ރާއްޖެ ވަޑައިނުގަތުމުން، ސަރުކާރުން މިހާރު ވަނީ އެމަނިކުފާނު ރާއްޖެ އައުމަށް ވެސް އަންގައިފަ އެވެ. އަދި އެމަނިކުފާނަށް ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ދުރުގައި ހުންނަވަން ވަރަށް އުނދަގޫ ކަމަށާއި، އެހެން ނަމަވެސް މި ވަގުތަށް އެންމެ ރަގަޅު ކަމަކަށް ފެނިވަޑައިގަތީ ރާއްޖޭން ބޭރުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ބޭރުގައި ހުންނަން ޖެހުމަކީ ބޮޑު އަނިޔާއެއް ކަމަށާއި އެގޮތަށް އެމަނިކުފާނު ތާއަބަދު ނުހުންނަވާނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން ރާއްޖެ އަންނާނެ ކަމަށް ވިދާޅުވި އެވެ.

މިގޮތުން، އިނގިރޭސި ވިލާތުގައި ނަޝީދު އިސްކޮށް ހުންނަވައިގެން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި އުފެއްދެވި އިދިކޮޅު އިއްތިހާދަށް އިޝާރަތް ކުރައްވަމުން، ނަޝީދު ވިދާލުވީ ސަަރުކާރާއި އިދިކޮޅު އެހެން ފަރާތްތަކާއި ގުޅިގެން ކުރެވެމުން އަންނަ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ލަސްތަކެއް ނުވެ، އަޅުގަނޑުމެން މިއެދޭ މަންޒިލަށް، އެއީ އަލުން އަނބުރާ ރާއްޖެ ޑިމޮކްރަސީގެ މަގަށް އަދި ދިވެހި ރައްޔިތުންނަށް ތާހިރު ރަނގަޅު ދިރިއުޅުމެއް އުޅެވޭނޭ މަގަކަށް ދިވެހިރާއްޖެ އަލުން އަނބުރާ ދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބޭރުގައި ހުންނެވި ނަމަވެސް ރާއްޖޭގެ ކަންކަން ކައިރިން ބަލާ ކަމަށެވެ. ރާއްޖޭގައި 24،000 ގޭބިސީ ހުރިއިރު އެ ހުރިހާ ގޭބިސީއަކަށް ގާތްގަނޑަކަށް ޒިޔާރަތް ކުރެވިފައިވާ ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، މި ފުރުސަތަކީ ބޭރުގައި ހުރެގެން ރާއްޖޭގެ ރައްޔިތުންގެ ކަންކަމާއި ރާއްޖެ ބަލައިލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާާނެ ކަމަށް ވެސް ވިދާޅުވި އެވެ.