ބޮލީވުޑް

އަކްޝޭ އާއި ބޫމީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ގެ ޝޫޓިން ފަށައިފި

Nov 7, 2016
1

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން އަހަރަކު އެންމެ ގިނަ ފިލްމު ކުޅެ އެންމެ ގިނަ ފިލްމުތައް ރިލީޒްވާ ތަރިއަކީ އަކްޝޭ ކުމާރެވެ.

މިއަހަރު އޭނާގެ ނިކުތް ތިން ފިލްމެއް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު އޭނާ މިފަހުން ވަނީ ޖެހިޖެހިގެން ދެފިލްމެއްގެ ޝޫޓިން ނިންމާލާފަ އެވެ.

އާއިލާ އާއެކު ސައުތް އެފްރިކަގެ ކޭޕްޓައުންގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް އައިސް އަކްޝޭ ވަނީ ޒުވާން ބަތަލާ ބޫމީ ޕަޑްނޭކަރާއެކު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ގެ ޝޫޓިން ފަށާފަ އެވެ.

މިފިލްމުގެ ޝޫޓިން އިއްޔެ ފެށިކަން އަކްޝޭ ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ. އޭނާގެ ޓްވީޓްގައި ވަނީ އެމީހުންގެ އާފިލްމަށް ބެލުންތެރިންގެ ހެޔޮ އެދުން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

އިންޑިއާގެ މަތުރާގައި ޝޫޓިން ފެށި މިފިލްމަކީ އަކްޝޭ އާއި ބޫމީ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ބުމީ އަކީ ނޭޝަނަލް އެވޯޑް ލިބުނު ފިލްމު "ދަމްލަގާކޭ ހައިޝާ" އިން އާޔުޝްމާން ކުރާނާ އާއެކު ބޮލީވުޑަށް ތައާރަފުވި ބަތަލާ އެކެވެ. އެފިލްމުގައި ބަރުދަން ބޮޑުކޮށް އަދި ފަލަކޮށް ފެނިގެން ގޮސްފައިވާ ބޫމީ ވަނީ އެފިލްމުގެ ޝޫޓިން ނިމުނު ފަހުން ބަރުދަން ލުއިކޮށް ހަށިގަނޑު ލޫޅާފަތިކޮށްލާފަ އެވެ.

ބުނެވޭ ގޮތުގައި މިފިލްމަކީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ކްލީން އިންޑިއާ މިޝަން" ގެ މައްޗަށް އުފައްދާ ކޮމެޑީ ފިލްމެކެވެ. ކްލީން އިންޑިއާ ކެމްޕެއިންގެ މައްޗަށް އަޅިއަލުވާލައިގެން އުފައްދާ މިކޮމެޑީ ފިލްމުގެ ޑައިރެކްޓަރަކީ ނީރަޖް ޕާންޑޭ އެވެ.