ބޮލީވުޑް

"ރާ-ވަން" ގެ ސީކުއަލް ވަރަށް އަވަހަށް އުފައްދަނީ؟

Nov 7, 2016

ދެހާސް އެގާރަވަނަ އަހަރު ނިކުތް "ރާ-ވަން" އަކީ ސުޕަސްޓާ ޝާހްރުކް ޚާން ސުޕަހީރޯ އެއްގެ ގޮތުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.

ޑައިރެކްޓަރު އަނުބަވް ސިންހް ޑައިރެކްޓްކޮށް ޝާހްރުކްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި މިފިލްމުގެ ދެވަނަ ބައެއް އުފައްދަން އޭނާ އާއި ޝާހްރުކް ޝައުގުވެރިވާ ކަމަށް އަނުބަވް ވަނީ ބުނެފަ އެވެ.

"ރާ.ވަން" ގެ ދެވަނަ ބައެއް އުފައްދަން ޝައުގުވެރިވާ ކަމަށް ބުނަމުން އަނުބަވް ވަނީ މިސިލްސިލާގެ ދެވަނަ ފިލްމަށް ރަނގަޅު ސްކްރިފްޓެއް ލިބުނުހާ އަވަހަކަށް ފިލްމު އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ.

"އަހަންނާއި ޝާހްރުކް ވަރަށް ބޭނުން މިސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދަން. މިސިލްސިލާގެ ފިލްމަށް ބެލުންތެރިން އިންތިޒާރުކުރޭ" އަނުބަވް ބުނެފައިވެ އެވެ.

އަނުބަވް އިތުރަށް ވަނީ ރާ-ވަންގެ ކާމިޔާބީ އަކީ އެފިލްމު ގެނެސްދެވިފައިވާލެއް މޮޅުކަން ކަމަށާއި "ރާ-ވަން" ގެ ދެވަނަ ބައި އުފައްދާކަން އިއުލާންކުރާ ދުވަހުން އެފިލްމު އެއަހަރެއްގައި ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ އިންތިޒާރުކުރާ ފިލްމަށް ވެގެންދާނެ ކަމަށްވެސް ބުނެފަ އެވެ.

ޝާހްރުކާ އެކު މިސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދަން ވާހަކަދައްކަމުން އަންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށް ބުނަމުން އަނުބަވް ވަނީ މިހާތަނަށް ވެސް ދެވަނަ ފިލްމެއް އުފައްދަން ނިންމުމެއް ނުނިންމިގެން އުޅެނީ އެމީހުންގެ ބިޒީ ކަމުން ކަމަށެވެ.

"ރާވަން 2 އުފައްދުމާ ބެހޭގޮތުން ވަރަށް ގިނައިން ވާހަކަދެކެވޭ. މިދަނޑިވަޅުގައި އަހަރެމެންނަށް އެއްވެސް ނިންމުމެއް ނުނިމިގެން މިއުޅެނީ ދެމީހުންގެ ވެސް ބިޒީކަމުން. މިސިލްސިލާގެ ދެވަނަ ބައެއް އުފައްދަން މިވަގުތު އަހަރެންގެ އަތަކު ވާހަކައެއް ނެތް" އަނުބަވް ބުނެފައިވެ އެވެ.

ޝާހްރުކްގެ ސައިންސް ފިކްޝަން ފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކަރީނާ ކަޕޫރެވެ. އަދި ނުބައިބައި ރޯލަކުން އަރްޖުން ރާމްޕާލް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މިއަހަރިގެ ކުުރީކޮޅު ޝާހްރުކް ވަނީ "ރާ.ވަން" ގެ ދެވަނަ ބައެއް އުފައްދާނެ ކަމަށާއި އެފިލްމުގެ ނަމަކީ "ޖީ.ވަން" ކަމަށް ބުނެފަ އެވެ. އަދި ފުރަތަމަ ފިލްމަށް ވުރެން ދެވަނަ ފިލްމު ޓެކްނޮލޮޖީގެ ގޮތުން މާބޮޑަށް ވެސް މޮޅުވާނެ ކަމަށް ބުނެފަ އެވެ.

ޝާހްރުކް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަޔާން ޚާންގެ އެދުމަކަށް އުފައްދި "ރާ.ވަން" ވަނީ ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.