ބޭރު ކުޅިވަރު

މެން ޔުނައިޓަޑް މަޑުމަޑުން ކުރީގެ ފޯމަށް

Nov 7, 2016

ތާވަލުގެ ފަހަތުގައި އޮތް ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި ނަމަވެސް، ރޭ މެންޗެސްޓާ ޔުނައިޓަޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މިއީ މެންޔޫގެ ކޯޗް ކަމާ ޖޯސޭ މޮރީނިއޯ ހަވަލުވިފަހުން ވެސް އެޓީމު އެންމެ ރަނގަޅަށް ކުޅުނު މެޗެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނުނު "ތިނެސްކަން" ޕާސިން ގޭމުން މެންޔޫގެ ކުރީގެ ކޯޗް އަދި އެޓީމުގެ ލެޖެންޑް އެލެކްސް ފާގަސަންގެ ޒަމާން މަތިން ހަނދާންކޮށްދިނެވެ. ވޭތުވެދިޔަ ހަފުތާތަކުގައި މެންޔޫއަށް އެންމެ ބޮޑަށް ކުރިމަތިވި ލަނޑު ނުޖެހުމުގެ މައްސަލައެވެ. ނަމަވެސް ރޭގެ މެޗްގައި އެކަން ވަނީ ވަރަށް ރަނގަޅަށް ފުރިހަމަ ކޮށްފައެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އެޓީމަށް ގެނައި ޒަލްޓާން އިބްރިހިމަވިޗާއި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ގެނައި ޕައުލް ޕޮގްބާއަށް ސީޒަންގައި އެދެވޭ ކުޅުމެއް ނުދެއްކޭތީ އެ ދެ ކުޅުންތެރިންނަށް އިންތިހާއަށް ފާޑުކިޔުން އެބައޮތެވެ. ނަމަވެސް ރޭގެ މެޗްގައި ޔުނައިޓާޑްގެ ފުރަތަމަ ގޯލް މެޗްގެ 15 ވަނަ މިނެޓްގައި 25 ޔާޑް ދުރުން ފޮނުވަލި ހިތްގައިމު ބޯޅައަކުން ކާމިޔާބު ކުރީ ޕޮގްބާއެވެ. އެކާވިސް ވަނަ މިނެޓްގައި އިބްރޮހިމަވިޗް ދެވަނަ ލަނޑު ޖަހައިދިން އިރު ނަތީޖަ ފުޅާކޮށްދިނީވެސް 33 ވަނަ މިނެޓްގައި އިބްރިހިމަވިޗެވެ. މެޗްގެ އެންމެ ފަހު 20 މިނެޓްގައި ސްވަންސީގެ ކުޅުންތެރިން ވަނީ ނަތީޖާ އަނބުރާލުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެގޮތުން 69 ވަނަ މިނެޓްގައި އެޓީމަށް ސުން ކަނޑުވާލަދިނީ ވެންޑާ ހޯންއެވެ. ލަނޑަށްފަހުވެސް އެމެރިކާގެ ކުރީގެ ކޯޗް ބޮބް ބްރެޑްލީގެ ކޯޗްކަމުގެ ދަށުން ކުޅުނު ސްވަންސީގެ ކުޅުންތެރިން ވަނީ ވަރުގަދަ އަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ވަގުތަކީ އެ ސްޓޭޖްގައި ނަތީޖާ ބަދަލުކޮށްލަން އުނދަގޫ ވަގުތެކެވެ.

މެޗްގައި މޮރީނިއޯއަށް ހުންނަން ޖެހުނީ ޓީމަށް އިރުޝާދު ނުދެވޭހާ ދުރުގައެވެ. އެއީ އެންމެ ފަހުން ބާންލީއާ ދެކޮޅަށް އެއްވަރުވި މެޗްގައި ރެފްރީގެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ދެއްކުމުގެ ގޮތުން ބަދަލު ރެފްރީއަށް އިޝާރާތްކޮށް މޮރީނިއޯ ބުނި އެއްޗެއްގެ ސަބަބުން އިނގިރޭސި އެފްއޭއިން އޭނާ އަށް ކުރިމަތި ކުރި އެއް މެޗްގެ ސަސްޕެންޝަނާ ގުޅިގެންނެވެ. ނަމަވެސް މޮރީނިއޯގެ ވާފަތެރި އޭނާގެ އެސިސްޓެންޓް ރުއީ ފާރިއާ ވަނީ މޮރީނިއޯ ކިޔައިދިން ގޮތަށް މެޗް މެނޭޖްކޮށް ގެންނަން ޖެހޭ ބަދަލު ގެނެސްފައެވެ. އަދި ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ ތަޖުރިބާ ބޭނުންކޮށްގެ ނަތީޖާ އެޓީމު ކޮޅުގައި ހިފަހައްޓާފައެވެ.

"އެއީ ހަމައެކަނި ކުޅުންތެރިންގެ މަސައްކަތަކުން ނޫން އެއީ ކުޅުންތެރިންނާއި ކުޅުންތެރިންނާ އެކުގައި ތިބި މީހުންގެ އެއީތެރިކަމާއެކު،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ މީގެ އެއް ހަފުތާ ކުރިންވެސް ބުނި ވަހަކައެއް އޮބައޮތެވެ. މެންޔޫގެ ތެރޭގައި އޮތް މި ހާލަތަކީ މެންޔޫގެ ކުރީގެ ކޯޗް އެލެކްސް ފާގަސަން ރިޓަޔާ ކުރުމަށްފަހު ދެން ދިމާވި މައްސަލަތަކެއް ކަމަށެވެ. އެންމެ ފަހުން "އެކަންތައް މި ޓީމުގެ އާދައަކަށް" ވެފައިވާ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.

"މިކަން ބަދަލު ކުރުމަށް ވަގުތު ނަގާނެ ނަމަވެސް (ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ފިލް ޖޯންސް އެޝްލީ ޔަންގު، ވެން ރޫނީ ފަދަ ކުޅުންތެރިންގެ އެހީތެރިކަމާއެކު އެ ބަދަލު ގެނައުމަކީ ނުވާނެ ކަމެއް ނޫން އެ ބަދަލު ގެނެވޭނެ." ރޭގެ މެޗަށްފަހު މީޑިއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.