މިއަދު ހެނދުނު ރާއްޖެއަށް އިރުއަރައިގެން އައިރު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު އެމެރިކާގެ ރައްޔިތުން ތިބީ ކުރިއަށް އޮތް ހަތަރު އަހަރަށް އެ ގައުމުގެ ރިޔާސަތާ ހަވާލު ކުރާނެ މީހަކު ނިންމުމުގެ މުހިންމު އިންތިހާބުގައި ވޯޓުލުމަށް ނިކުމެ އެވެ. މުޅި ދުނިޔޭގެ އެންމެންގެ ލޯތައް މިއަދު ހުއްޓިފައި މި ވަނީ އެމެރިކާގެ އިންތިހާބަށެވެ. އެންމެ ކުޑަ މިނުން މި ކުޑަކުޑަ ރާއްޖޭގައިވެސް އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ސޯޝަލް މީޑިއާގައި މި ވަނީ އިންތިހާއަށް ފޯރި ހިއްޕާލައިފަ އެވެ.
އެއްބަޔަކު ޑިމޮކްރަޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަށް ތާއީދު ކުރާ އިރު، އަނެއް ބައެއްގެ ތާއީދު މިއޮތީ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަށެވެ. ދިވެހިން ވެސް މި ވަނީ ނުލާއި ރަތުގެ ދެމެދުގައި ބައިވެފަ އެވެ.
ސޯޝަލް މީޑިއާގައި މިކަމަށް ޝުއޫރު ފާޅު ކުރާ ގިނަ ފަރާތްތަކުގެ ތާއީދު އޮތީ ހިލަރިއެވެ. ގިނަ ދިވެހިން ހިލަރީއަށް ތާއީދު ކުރާނީ ހިލަރީ އަތުވެއްޖެނަމަ މުޅި ދުނިޔެ ހަނގުރާމައެއްގެ ތުންފަތް މަތިން ސަލާމަތްވެ، ގައުމުތަކަށް އެކަމުގެ ސަބަބުން ރަނގަޅުވާނެ ކަމަށް ދެކިގެންނެވެ. އެހެން ގަބޫލު ކުރެވޭ މައިގަނޑު ސަބަބަކީ ވެސް ޑިމޮކްރެޓީކް ޕާޓީގެ ވެރިކަމުގައި މީގެ ކުރިން އިސްލާމީ ދުނިޔެއާ ގުޅުން ބަދަހި ކުރި މިންވަރެވެ.
މުސްލިމުންނާ އެންމެ ގާތްކޮށް އަދި އަރަބި ގައުމުތަކުގެ ވެރިންނާއެއްކޮށް އެންމެ ގާތް ގުޅުމެއް ބޭއްވީ އެމެރިކާގެ އެއް ރައިސްއަކީ ހިލަރީގެ ފިރިކަލުން ކުރީގެ ރައިސް ބިލްކްލިންޓަން އެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރާ ދިވެހިން ގަބޫލު ކުރަ ގޮތުގައި ކްލިންޓަންގެ ސިޔާސަތު ދެމެހެއްޓުމަށް ހިލަރީ މަސައްކަތް ކުރާނެ އެވެ.
ސޯޝަލް މީޑިއާގައި އެމެރިކާގެ އިންތިހާބާ ބެހޭގޮތުން ޝުއޫރު ފާޅު ކުރާ ފަރާތްތަކުގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް އަދި ހަރުކަށި ހިޔާލުތަކެއް ގެންގުޅޭ ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ މީހުންވެސް މަދުން ނަމަވެސް އެބައުޅެ އެވެ. ޓްރަމްޕަށް ތާއީދު ކުރާ ދިވެހިންވެސް އޭނާއަށް ތައީދު ކުރުމުގައި އޮތީ މަގުބޫލު ސަބަބެކެވެ.
އެއީ އެހެން ގައުމަކާ ދެކޮަޅަށް ހަނގުރާމައެއް ކުރާވަރަށްވުރެ އެމެރިކާގެ އިގްތިސޯދު މިހާރު ބަލިކަށިވުމެވެ. އެހެންވެ ޓްރަމްޕް އަޔަސް އަދި އޭނޭ ކިތަންމެ ބޭނުމަސް ހަނގުރާމައެއް ކުރުމަށް ޓްރަމްޕް ވެސް ފަހަތު ފަޔަށް ބުރަވާނެ ކަމަށް ގަބޫލު ކުރާ ދިވެހިންތަކެއް އެބަ ތިއްބެވެ.
ދުނިޔޭގެ މަރުކަޒީ ބޭންކު (އައިއެމްއެފް) ގެ ހިސާބުތައް ދައްކާގޮތުން އެމެރިކާއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދެއް ނޫނެވެ. އެ ޝަރަފު އެމެރިކާ އަތުން ގެއްލިއްޖެއެވެ. އެ ޝަރަފު އޮތީ ވާދަވެރި ޗައިނާ އަތުގަ އެވެ. ޓްރަމްޕަށް ތާއީދު ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޓްރަމްޕަކީ ވިޔާފާރީގެ ވިސްނުން ހުރި ކެނޑިޑޭޓަކަށްވުމުން އަލުން އެމެރިކާއަށް އެ ޝަރަފު ހޯދައިދިނުމުގެ އިގްތިސޯދީ ހިޔާލު ހުރީ މަހުހަނެއްގެ ގޮތުގައި މަގުބޫލުވެފައިވާ ޓްރަމްގެ ވިސްނުމުގަ އެވެ.
އެމެރިކާއަށް މުސްލިމުން އެރުން މަނާ ކުރަ ވަހަކަ އަކީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމެރީ ކާމިޔާބު ކުރުމުގެ ރޭހުގައި ޓްރަމްޕް ދެއްކެވި ވާހަކައެކެވެ. ނަމަވެސް ފަހުން އޭނާ ވަނި އެކަމަށް މާފަށް އެދިވަޑައިގެން އެކަން އިސްލާހް ކުރައްވާފަ އެވެ. ފަހުން ވިދާޅުވީ ޓެރަރިސްޓުންނަށް އެމެރިކާއަށް ނުވަދެވޭނެ ވާހަކަ އާއި އެކަމަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ވާހަކަ އެވެ.
ޓްރަމްޕްގެ އެކަން އިސްލާހު ކުރެއްވުމުން އެމެރިކާގެ މުސްލިމް ޖަމާއަތްތަކުގެ ވެރިން ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސެޕްޓެމްބަރު މަހު އދ ގެ ޖެނަރަލް އެސަމްބްލިއަށް ނިއުޔޯކަށް ވަޑައިގެންނެވި މުސްލިމް ގައުމުތަކުގެ މަންދޫބުން ވަނީ ޓްރަމްޕާ ބައްދަލުކޮށްފައެވެ. އޭގެ ތެރޭގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ހިމެނިވަޑައިގަންނަވައެވެ. ޓްރަމްޕަށް ތާއީދު ކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ދިވެހިން ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.
އެމެރިކާގެ އިންތިހާބުގެ މުހިންމު ނަތީޖާތައް ނިކުންނަން ދެން މާކަ ގިނައިރެއް ނެތެވެ. ވޯޓުލުން ނިމެއް ދެން އޮތީ ގަޑިއެއްހާ އިރެވެ. އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުންނެކޭ އެއްގޮތަށް ދިވެހިންވެސް ތިބީ އެމެރިކާގެ އިންތިހާބުގެ ނަތީޖާ ނިކުންނާނެ ގޮތެއްގެ އިންތިޒާރުގަ އެވެ. އެ އިންތިޒާރުގެ ނިމުމަށް ދެން މާކަގިނައިރެއް ނެތެވެ.