ހަބަރު

އޮންލައިން ކޯސްތަކެއްގެ ފުރުސަތު ދިރާގުން ހުޅުވާލައިފި

Nov 7, 2016
  • ފުރަތަމަ ހަދާ ކޯސް ހިލޭ
  • ކޯހުގެ މުއްދަތަކީ އެއް މަސް
  • ދިރާގު އޮންލައިނުން ބައިވެރިވެވޭ

އޮންލައިން ގިނަ ކޯސްތަކެއް ހިންގާ "ޝޯ އެކަޑަމީ" ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން މިއަދު ފަށައިފި އެވެ.

ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ޝޯ އެކަޑަމީ" ގެ އޮންލައިން ކޯސްތަކާ ބެހޭ ގޮތުން އެ ކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރް އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވީ ބައިނަލްއަގުވާމީ ސެޓްފިކެޓް ލިބޭ މި ކޯސްތަކުގެ ސަބަބުން އަމިއްލަ ނަފުސު ތަރައްގީ ކުރުމަށް ބޭނުންވާ ގިނަ މައުލޫމާތާއި ހުނަރު ލިބިގެންދާނެ ކަމަށެވެ.

"މި ކޯސްތަކުގެ ތެރޭގައި އެބަހުރި ގޭގައި ތިބެގެން ހަދައި ލެވޭނެ ގިނަ ކޯސް ތަކެއް. މިސާލަކަށް މީގައި އެބަހުރި ފަހާ ކޯސް ފަދަ ކޯސްތައް ވެސް. މީގެ ކޯހެއް މަހެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްލެވޭ،" އިމްޖާދު ވިދާޅުވި އެވެ.

"ޝޯ އެކަޑަމީ" ގެ ކޯސްތައް ފަރުމާކޮށްފައިވަނީ ލެޕްޓޮޕާއި ފޯނު އަދި އައިޕެޑު ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އިންޓަނެޓު މެދުވެރިކޮށް ކޯސްތައް ފުރިހަމަ ކުރެވޭ ގޮތަށެވެ. މިގޮތުން ދިރާގުން ވަނީ ފުރަތަމަ ކޯސް ހިލޭ ހެދޭނެ ގޮތަށް ހަމަޖައްސާފަ އެވެ. އަދި އޭގެ ފަހުން ކޯހަކަށް ދައްކަން ޖެހެނީ ގާތްގަނޑަކަށް މަހަކު 240ރ. ވަރެވެ. މި ކޯސްތައް ފަރުމާކޮށްފައިވަނީ ގޭގެ މަސައްކަތުގައި ބުރަކޮށް އުޅޭ މީހުންނާއި ވަޒީފާގައި އުޅޭ މީހުންނަށް ފުރިހަމަ ކުރެވޭ ގޮތަށެވެ.

މި ކޯސްތަކުގައި ޝޯއެކަޑެމީ/ ދިރާގު ސައިޓުން ބައިވެރިވެވޭނެ އެވެ.

"ޝޯ އެކަޑަމީ" އިން ހިންގާ ކޯސްތަކުގެ ތެރޭގައި ޑިޖިޓަލް މާކެޓިން އާއި ވެބް ޑިވްލޮޕްމަންޓް އަދި ގްރެފިކްސް ޑިޒައިން އާއި މޯބައިލް އެޕް ޑިޒައިން އަދި ސޯޝަލް މީޑިޔާ މާކެޓިން ފަދަ ގިނަ ކޯސްތައް ހިމެނެ އެވެ. މި ކޯސްތަކުން ލިބޭ ސެޓިފިކެޓަކީ ދުނިޔެ ގަބޫލުކުރާ ސެޓްފިކެޓް ތަކެކެވެ.