ދުނިޔެ

ހުދުމުހުރާތު ވެރިޔެކޭ ބުންޏަސް ފުވާލެއް ނެތް: އުރުދުގާން

Nov 7, 2016

ތުރުކީގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދޭ ހަނގުރާމަވެރި ޖަމާއަތެއް ކަަމަށްވާ ކުރުދިސްތާން ވޯކާސް ޕަޓީ (ޕީކޭކޭ) އާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ހުދުމުހުތާރު ވެރިޔެކޭ ބުންޏަސް ފަރުވާލެއް ނެތް ކަމަށް ތުރުކީގެ ރައިސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

ތުރުކީން މިހަފުތާގައި ވަނީ ކުރުދީންގެ ޕާޓީ އެޗްޑީޕީގައި ހިމެނޭ ބައެއް މަޖިލިސް މެންބަރުން ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން ޔޫރަޕާއި ހުޅަނގުން ވަނީ އެޗްޑީޕީގެ މަޖިލިސް މެންބަރުން ހައްޔަރު ކުރާތީ ތުރުކީގެ ސަރުކާރަށް ފާޑު ކިޔާފަ އެވެ. ޕީކޭކޭ އަކީ އެޗްޑީޕީގެ އަސްކަރީ ގޮފީގެ ގޮތުގައި މަޝްހޫރުވެފައިވާ ޖަމާއަތެކެވެ.

ހުޅަނގާއި ޔޫރަޕުން ޕީކޭކޭ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލައި ނުގަންނާތީ އުރުދުގާން ވަނީ ހުޅަނގަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"ޔޫރަޕުން ޓެރަރިޒަމަށް ހިތްވަރުދޭ އަހަންނަށް އެބަފެނޭ ޕީކޭކޭ ޔޫރަޕްގެ ތެރޭގައި ވަރަށް ފަސޭހަ ކަމާއެކު ވަރަށް މިނިވަންކަމާއެކު ހަރަކާތްތެރިވާތަން،" ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި އުރުދުގާން ވިދާޅުވި އެވެ.

"އެމީހުންގެ (ހުޅަނގުގެ) ފާޑުކިޔުމަކުން އަހަރެން ސަމާލުކަމެއް ނުދެން. އެމީހުންނަކީ ކޮންބައެއްކަން އަހަރެމެން ވަރަށް ރަނގަޅަށް ދަންނަން އެމީހުންގެ ތާރިހް އަހަރެމެން ވަރަށް ރަނގަޅަށް ދަސްކޮށްފިން. އަހަރެން ބޮޑުވަޒީރު ކަމުގަޔާއި ރައީސް ކަމުގައިވެސް އެމީހުންނަކީ ކޮންބައެއްކަން އަހަންނަށް ވަރަށް ރަނގަޅަށް ވަނީ އެނގިފަ ހިތުދަސްކޮފައިވާ ފޮތެއްހެން އެމީހުންގެ ފަޮތް އަހަންނަށް ހުޅުވިދާނެ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ އެއީ ކޮންބައެއްކަން ކިޔައިދޭން، އެމީހުން އަހަންނަކީ ހުދުމުހުތާރު މީހެކޭ ބުންޏަސް އަހަރެން ފަރުވާލެއް ނެތް އެ ވާހަކަ އެއްކަންފަތުން ވެއްދުމަށްފަހު އަނެއް ކަންފަތުން ބޭރުކޮށްލާނަން،" އުރުދުގާން ވިދާޅުވިއެވެ.

ޕީކޭކޭ އާއި ތުރުކީގެ ސަރުކާރާއެކު ހެދި ސުލްހައިގެ އެއްބަސްވުން މިދިޔަ އަހަރު ޖުލައި މަހު ވަނީ ހަމަވެފަ އެވެ. އުރުދުގާން ވިދާޅުވީ މިދިޔަ އހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް ޕީކޭކޭއިން ތުރުކީގެ އަސަކަރިއްޔާގެ 800 މީހުން މަރާލާފައިވާ ކަމަށެވެ. އަދި އާންމުންގެ 300 މީހުންވެސް މަރާލާފައިވާ ކަމަށެވެ.

ނަވާރަސަތޭކަ އައްޑިހަ ހަތަރު ވަނަ އަަހަރުން ފެށިގެން ކުރުދީން ދަނީ ތުރުކީގެ ދެކުނު އިރުމަތީ ސަރަހައްދަކީ އެމީހުންގެ ސަަރަހައްދެއް ކަމުގައި ހަދަން ހަނގުރާމަ ކުރަމުންނެވެ. އެހަނގުރާމައިގައި 40000 މީހުން ވަނީ މަރުވެފައެވެ.

މިއަހަރު ޖޫން މަަށްފަހު ތުރުކީގެ އަސްކަރިއްޔާއިން ވަނި ޕީކޭކޭ އާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އެ ހަމަލާތަކުގައި މަރުވި ޕީކޭކޭ މީހުންގެ ޖަނާޒާގައި އެޗްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވި މަންޒަރު ހިމެނޭ ވީޑިއޯ އާއި ފޮޓޯތަކާއެކު ތުރުކީގެ ވެރިކަން ކުރާ އޭކޭ ޕާޓީއާ ގުޅުން ބޮޑު މީޑިއާއެއް ކަމަށްވާ އަނަޑަލޫ އެޖެންސީއިން ވަނީ ރިޕޯޓްކޮށްފައެވެ.

ތުރުކީގެ ބޯޑުވަޒީރު ބައިނަލް ޔަދުރިމް ވިދާޅުވީ ސަރުކާރުން ސިޔާސީ ޕަޓީތަކަށް ދޭ ފައިސާއިން އެޗްޑީޕީއަށް ދޭ ފައިސާ ޕީކޭކޭގެ އަސްކަރީ ކަންކަމަށް ހޭދަކުރާކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ.