ދައުލަތުގެ ބަޖެޓް

26 ބިލިއަން ރުފިޔާގެ ބަޖެޓް މަޖީލީހަށް ހުށަހަޅައިފި

Nov 8, 2016
6
  • އަންނަ އަހަރު 1.1 ބިލިއަން އަރަނިވާނެ
  • ބަޖެޓުގެ 51 ޕަސެންޓަކީ ރިކަރަންޓް ހަރަދު
  • ރިކަރަންޓް ހަރަދު 11 ޕަސެންޓް ދަށްކުރެވޭނެ

އަންނަ އަހަރަށް ލަފާކޮށް، 26 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ. ރައްޔިތުން މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ 2017 ވަނަ އަހަރުގެ ބަޖެޓުގައި ފަސް ކަމެއް އޮޅުން ފިލުވައިދޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި، ރައްޔިތުންނަށް ދޭނެ ހިދުމަތްތައް އެނގޭނީ ބަޖެޓުން ކަމަށެވެ.

"މި ބަޖެޓުން ރަމްޒުކޮށްދޭނީ ސަރުކާރުން ކޮށްދޭނެ ކަންތައްތައް،" ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުން ގިނަ ކަންތައްތަކެއް ކޮށްދެމުން ގެންދާ ކަމަށެވެ.

"އަންނަ އަހަރުގެ ބަޖެޓުން މައިޒާންތައް ހެދި. ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް ދަނީ ހިނގަމުން،" މުނައްވަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށެވެ. އަދި ބަޖެޓު ކޮށްދޭ ކަމަކީ އެކަމުން ވެސް ބާކީ ނުކުރުމުގެ މައްޗަށް ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅުއްވި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާ އެވެ.

ރިކަރަންޓް ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް

ބަޖެޓުގެ މުހިންމު ބައިތަކުގެ ތެރޭގައި 26 ބިލިއަން ރުފިޔާގެ ތެރެއިން 51 ޕަސެންޓް ހަދަރުކުރާނީ ރިކަރަންޓް ހަރަދުގެ ގޮތުގަ އެވެ. އަދި 49 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. މިގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިބައިގެ 61 ޕަސެންޓް ހޭދަކުރާނީ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން އަދި ހިދުމަތުގެ ހަރަދަށެވެ. ރިކަރަންޓު ހަރަދު 11 ޕަސެންޓް ދަށް ކުރުމަށް ކަނޑައަޅާފައިވެ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ބަޖެޓަކީ ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަ ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.

"އިގްތިސާދޯ ގޮތުން ހަމަޖެއޭ އުސޫލަކީ ދައުލަތުގެ ރިކަރަންޓް ހަރަދު ލިބޭ އާމްދަނީއިން ފުދިގެން ދިއުން. ވޭތުވެދިޔަ 10 އަހަރު ރިކަރަންޓް ހަރަދު ވަނީ 300 ޕަސެންޓް ބޮޑުވެފައި. މިފަދަ ހަރަދުތަކުން ބަޖެޓު ޑެފިިިސިޓް އިތުރުވަމުންދާ ވަރަކަށް ދަރަނި އަދާކުރަން ހުރަސް އެޅޭނެ. ވުމާއެކު ރާއްޖޭގެ އިގްތިސާދީ ނިޒާމު ހަރުދަނާ ކުރަން ރިކަރަންޓް ހަރަދު ކުޑަކުރަންޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ބަޖެޓަކީ ފަހުގެ ތާރީހުގައި ތަރައްގީގެ ގިނަ ސިޔާސަތުތަކެއް ހިމެނޭ ގޮތަށް އެކުލަވާލެވުނު ބަޖެޓު ކަމަށެވެ.

"މިއީ ފަހުގެ ތާރީހެއްގައި ސިޔާސަތުތަކެއް ކަނޑައަޅައި އެކަމަށް އަމާޒުކޮށް ބަޖެޓެއް އެކުލަވާލި ފުރަތަމަ ފަހަރު. މިއީ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު ހިއްސާއެއް ކަނޑައެޅި ބަޖެޓު،" މުނައްވަރު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި ދެއްވި ބަޔާނުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ 1.1 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެއް ކަމަށެވެ.