ދުނިޔެ

ދާހިލީ ނިންމުންތައް ނިންމަށް ބޭރަށް ދުލެއް ނުދޭނަން: ލުބުނާންގެ ރައީސް

Nov 8, 2016
1

ލުބުނާންގެ ގައުމިއްޔަތާއި މިނިވަންކަން ހިފެހެއްޓުމުގެ މަސައްކަތް ކުރަނީ ލުބުނާން އަމިއްލައަށް ކަމަށާއި ދާހީލީ ކަންކަން ނިންމަން ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫނުކުރާނެ ކަމަށް ލުބުނާންގެ އާ ރައީސް މައިކަލް އައުން ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު 31 ވަނަ ދުވަހު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އައުން އޭނަގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ގައުމުގެ ދާހިލީ ކަންކަން ނިމުމުން ބޭރުގެ ފަރާތްތަކަށް ނުދިނުމުގޭ މާނައަކި އެ ގައުމުތަކާ ދެކޮޅުވެރިވުން ނޫން ކަމަށާއި ގައުމުތަކާއެކު ރަހުމަތްތެރިކަން ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ބައިބައިވުން ކުޑަ ކުރެވެން އޮތީ ގައުމުގެ އިލެކްޓްރިސިޓީއާއި އުމްރާނީ ތަރައްގީ ފަދަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީގެން ކަމަށެވެ.

"އެންމެ ފުރަތަމަ އަހަރެމެން ކުރަން ބޭނުންވާ ކަމަކީ ރައްޔިތުންގެ މި އަސާސީ ބޭނުންތައް ވީ އެންމެ އަވަހަކަށް ފުރިހަމަކޮށްދިނުން އަދި ގައުމުގެ ދަރަނި ކުޑަ ކުރުމަށްޓަކައި ގުދުރަތި ވަސީލަތްތަކުގެ ދާއިރާއަށް އިންވެސްޓް ކުރުން،" އައުން ވިދާޅުުވިއެވެ.

މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކޭ އެއްގޮތަށް ލުބުނާންގެ މަސްރަހުގައިވެސް އޮތް އެންމެ ބޮޑުކަމަކީ ކޮރަޕްޝަންގެ ވާބައެވެ. ލުބުނާންގެ ސިޔަސީ މަސްރަހުގައި އެންމެ ބޮޑު އެއްޕާޓީއަކީ ޝިޔައީންގެ ބާރު އޮތް ހިޒުބުﷲ އެވެ. އެހެންވެ އެގައުމު ގުޅުން އެންމެ ބޮޑު ގައުމަކީވެސް އިރާންއެވެ.