ކްލާކް ކައުންޓީގެ ވޯޓިން ސްޓޭޝަންގައި "ވޯޓްލުން ބަންދު ކުރާ ވަގުތު ޖެހުމަށްފަހުވެސް ދެ ގަޑިއިރު ވަންދެން ވޯޓް ލާމީހުންގެ ކިޔު ހުޅުވާލާފައި" ވާކަމަށް ވިދާޅުވެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ޓީމުން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ސީއެންއެން ބުނީ ޓްރަމްޕްގެ ކެމްޕޭންގެ ގާނޫނީ ޓީމުން ނެވާޑާގެ ކޯޓަށް ވެއްދި މައްސަލަ އަކީ، ވޯޓްލުމުގެ ވަގުތު ހަމަވީފަހުންވެސް ކްލާކް ކައުންޓީ ސަރަހައްދުގެ ވޯޓް ރަޖިސްޓްރާ ވޯޓް ލުން ކުރިއަށް ގެންދަން ހުއްދަ ދިން ކަމަށް ބުނާ މައްސަލައެކެވެ. ޓްރަމްޕްގެ ކެމްޕޭން ޓީމުން ބުނެފައިވަނީ އެތައް ބަޔަކަށް ވޯޓް ދިނުމުގެ ފުރުސަތު ދޭންވެގެން ކިޔުއަށް އެރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި މިއީ ނަތީޖާއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އަދި އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.
ނަމަވެސް ކްލާކް ކައުންޓީ އޮފިޝަލަކު ސީއެންއެންއާ ވާހަަކަ ދައްކަމުން ބުނެފައިވަނި "އިންތިހާބުގެ ވަގުތު އިތުރުކޮށްފައި ނުވާނެ،" ކަމަށެވެ. އެނަލިސްޓުން ބުނަނީ، ޓްރަމްޕްގެ ގާނޫނީ ޓީމުން މިފަދަ މައްސަލައެއް ފެންމަތި ކުރީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ގާނޫނީ ގިނަ ކަންތައްތަކެއް ފެންމަތިކުރުމަށް ހުއްޖަތެއްގެ ގޮތުން ކަމަށެވެ.
އިންތިހާބުގެ ކުރިންވެސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ބަލިވެއްޖެ ނަމަ، އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށާއި އޮޅުވާލުންތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާނެ ކަމަށެވެ.
އެމެރިކާގެ 45 ވަނަ ރައީސް އާއި 48 ވަނަ ނައިބުރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި 245 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވެ އެވެ.
އެމެރިކާގައި ރައީސް އަކަށް އަންނަ މީހަކު ހޮވަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނޫނެވެ. ރައްޔިތުންގެ ވޯޓާއެކު 'އިލެކްޓޯރަލް ކޮލެޖް' ގެ ވަކި އިންސައްތައެއްގެ ވޯޓް އެ ކެނޑިޑޭޓަކަށް ލިބެންޖެހެ އެވެ. އިލެކްޓޯރަލް ކޮލެޖްގައި ތިބެނީ އެމެރިކާގެ ސީޓީތަކުން އިންތިހާބުކޮށްފައިވާ ސިޓީތައް ތަމްސީލު ކުރާ މެންބަރުންނެވެ. އިލެކްޓޯރަލް ކޮލެޖްގައި މަިވަގުތު 534 މެންބަރުން ތިއްބަވަ އެވެ.
އިންތިހާބުގެ ވޯޓުލުން ބަންދު ކުރަން ގަޑިއިރަކާއި އިރުކޮޅެއް އޮތް އިރު، މިރޭގެ ދަންވަރުގެ ވަގުތުތަކުގައި މުހިންމު ސަރަހައްދުތަކުގެ ނަތީޖާ އާންމު ކުރަން ފަށާނެ އެވެ. ސީއެންއެންގެ ޕޯލްތަކުން ދައްކާ ގޮތުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯއްދަވައިގެން ހިލަރީ ކްލިންޓަން އުޅުއްވަނީ ޓްރަމްޕަށް ވުރެ ކުރީގަ އެވެ.